އިންތިގާލީ ކޮމިޓީތަކުން މިހާތަނަށް ބެލި ބެލުމުން ހާއްސަ އޮޑިޓުތަކެއް ހަދަން ޖެހޭ ބައެއް އިދާރާތައް ފާހަގަކުރެވިފައިވާ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މ. ދިމްޔާތުގައި ހުންނަ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ، ހާއްސަ އޮޑިޓްތަކެއް ހަދަން ޖެހޭ އިދާރާތަކެއް ފާހަގަވެފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

"އަޅުގަނޑުމެންނަށް ފާހަގަވެފައި އެބަހުރި ހާއްސަ އޮޑިޓުތަކެއް ހަދަންޖެހޭ އިދާރާތަކަކާއި ކުންފުނިތަކެއް ނުވަތަ މުއައްސަސާތަކެއް،" ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، އެ އިދާރާތަކުގެ އޮޑިޓު ހެދުމަކީ ބުރަ މަސައްކަތެއް ކަމަށާއި އެކަން ކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދޭނެ ކަމަށެވެ.

ފިރުޒުލް ވިދާޅުވީ، އިންތިގާލީ ކޮމިޓީތަކުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް، އެ ރިޕޯޓުތައް ހިއްސާކުރުމުގެ ކަންކަންވެސް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ، އިންތިގާލީ ރިޕޯޓުތަކުން ލިބުނު މައުލޫމާތުން އިދާރާތަކުގެ ހާލަތު ހުރި ގޮތުގެ ތަފްސީލީ މައުލޫމާތު ލިބިފައިވާ އިރު، ދެން އޮންނާނީ އެ މައުލޫމާތުތަކަށް ބިނާކޮށް ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރުން ކަމަށެވެ.

އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތްތައް ފެށީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ ކޮމިޓީތަކުން ވަނީ ސަރުކާރުގެ 77 މުއައްސަސާ އާއި ކުންފުނިތަކަށް ގޮސް އެތަންތަނުގެ މައުލޫމާތުތައް އެއްކޮށްފައެވެ.