ދިރާގު ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގުން މިއަދު ބުނީ މިއަދު ލޯންޗުކުރި ޕްރޮމޯޝަންގެ ދަށުން ދިރާގު ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ހާއްސަ ޕޯޓަލެއް މެދުވެރިކޮށް އަންނަ އަހަރުގެ ޖެނުއަރީ 31ގެ ކުރިންނެވެ. މި ޕްރޮމޯޝަންގެ ދަށުން ޕޯސްޓްޕެއިޑް 450 އަދި ފައިބާ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖްއަކަށް ސަބްސްކްރައިބް ކުރެވޭނެއެވެ.

"ދިރާގުގެ 35ވަނަ އަހަރު ފާހަގަ ކުރަމުންދާ އިރު، މި ހާއްސަ ޕްރޮމޯޝަންއާއެކު ކަސްޓަމަރުންނަށް މިފަދަ ޒަމާނީ، އިލެކްޓްރިކް ކާރެއް ހޯދުމުގެ ފުރުސަތު ހޯދައިދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" މި ޕްރޮމޯޝަން އިއުލާނުކުރުމަށް މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި އެކުންފުނީގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

މިރްޝާން ވިދާޅުވީ މި އަހަރު އެކުންފުނިން ބޭނުންވީ ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު ތަޖުރިބާއެއް ލިބޭ ކަހަލަ އިނާމެއް ދިނުމަށް ކަމަށެވެ.

ދިރާގުން ވަނީ އަންނަ މަހުގެ 30 ގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް ޓެސްލާ ކާރު ހޯދުމުގެ ފުރުސަތު ދެގުނައަށް ބޮޑުވާނެ ކަމަށް ބުނެފައެވެ.

މި ޕްރޮމޯޝަން އަކީ އެކުންފުންޏަށް 35 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ޕްރޮމޯޝަންއެކެވެ. އަދި މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު [ވެބްސައިޓުން](https://bit.ly/45R88YM) ލިބޭނެއެވެ.