ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑަށް އަށް އައްޔަން ކުރެއްވި މ. ލޭންޑްއޮފްގާޑްން، ފާތިމަތު ޝިރުވީން އާއި ހއ. ކެލާ ކޮކާގެ މުހައްމަދު އާޒާދަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ރުހުން ދީފިއެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ދެ ބޭފުޅުންނަށް ކޮމިޓީން ރުހުން ދޭން ފާސްކުރީ ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ޝިރުވީން ޕީސީބީއަށް އައްޔަންކުރެއްވުމާ ހަމައަށް މަސައްކަތްކުރައްވަމުން ގެންދެވީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގައެވެ. އަދި މިހާރުވެސް ޝިރުވީންއަކީ ފެމެލީ ލީގަލް ކްލިނިކް، އެންޖީއޯގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްވެސްމެއެވެ.

ޝިރުވީން ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ކެމްބްރިޖުން މާސްޓާސް އޮފް ލޯ ހާސިލްކުރައްވައިފައެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލާސް ޑިގްރީއަކާއި ސައިންސް އިން ފައިނޭންސް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ އާޒާދަކީ ސީއެފްއޭ ޗާޓާ ހޯލްޑަރެކެވެ.

ފިނޭންސް މިނިސްޓްރީގެ ފައިނޭންޝިއަލް ކޮންޓްރޯލާގެ މަގާމާއި ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރިފޯމް ކޮންސަލްޓަންޓެއްގެ މަގާމާއި އެސްއޯއީ ފައިނޭންޝިއަލް ކޮންސަލްޓަންޓްގެ މަގާމުގެ އިތުރުން ހަޒާނާ މޯލްޑިވްސްގެ އެކައުންޓް އެންޑް ފައިނޭންސްގެ އިސްވެރިޔާގެ މަގާމުވެސް މީގެކުރިން އޭނާ އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމު ވެސް އޭނާ އަދާ ކުރައްވާފައިވެއެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ.