އަންނަ 2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް 196.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.

މި ހިނގާ 2023 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ހިންގުމަށް، 182 މިލިޔަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްދިނެވެ. ނަމަވެސް އަންނަ 2024 ވަނަ އަހަރަށް ބޭނުންވެގެން ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައި ވަނީ 187 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވާ ބަޖެޓާބެހޭގޮތުން ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، ބަޖެޓް ފާސްކޮށްދިނުމަށް ހުށަހެޅުއްވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ވާދަ ކުރެއްވި ކެނޑިޑޭޓް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އޭނާ ހުށަހެޅުއްވީ، ކޮމިޓީން ބަޖެޓަށް ގެނައި އިސްލާހު ތަކާއި ރެކޮމެންޑޭޝަންތަކާއެކު، 192،110،420 ރުފިޔާ އާއި ނިއުޕޮލިސީ އިނީޝިއޭޝަންގެ 4،226،000 ރުފިޔާއާއެކު ޖުމްލަ 196،237،420 ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިނުމަށެވެ. އިލިޔާސްގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، އެމްޑީޕީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

އެ ހުށަހެޅުން ފާސްވީ ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަ އިރު، އިތުރުވާ ހަ މެންބަރުންނަށް ބޭނުންވާ މުސާރަ އާއި އިނާޔަތްތައްވެސް ބަޖެޓްގައި ވަނީ ހިމަނައިފައެވެ.

ބަޖެޓްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މުއައްޒިފުންނަަށް އެލަވަންސް ދިނުމުގެ އުސޫލަށް ގެނައި ބަދަލުވެސް އިލިޔާސް ލަބީބުގެ ހުށަހެޅުއްވުމާއި ޝާހިދުގެ ތާއީދާއެކު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އިއްޔެ އޮތް އާއްމު ކޮމިޓީގެ ބައްދަލުވުމަށް، ރައްޔިތުންގެ މަޖިލިސް އިދާރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށްޓަކައި، ޕާލަމެންޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 20 ޕަސެންޓް އިތުރުކޮށް، އެ މުވައްޒިފުންނަށް ދެމުން އަންނަ އިތުރު އެލަވަންސްތައް ބޮޑުކުރަން ހުށަހެޅިއެވެ.

އަންނަ އަހަރު މަޖިލިސް މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ މުސާރައިގެ ކުރިއެރުންތައް ކޮމިޓީއަށް ހުށަހަޅުއްވަމުން މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ ވިދާޅުވީ، ޕާލަމެންޓް އެލަވަންސްގެ ގޮތުގައި މުވައްޒަފުންނަށް ހާޒިރުވާ ކޮންމެ ދުވަހަކަށް މިހާރު ދެމުން އަންނަ 200 ރުފިޔާ އަކީ ހާޒިރީ އެލަވަންސް ކަމަށެވެ. ނަމަވެސް އެ 200 ރުފިޔާގެ އެލަވަންސް ހާޒިރީ އެލަވަންސަށް ރަސްމީކޮށް ބަދަލުކުރުމަށްފަހު، ޕާލަމެންޓް އެލަވަންސްގެ ގޮތުގައި ކޮންމެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ 20 ޕަސެންޓް އިތުރު ކުރުމަށް އަމީން އާއްމު ހުށަހެޅުއްވިއެވެ.

އޭގެ އިތުރުން މަޖިލިސް މުވައްޒަފުންނަށް މިހާރު ދެމުން އަންނަ އެލަވަންސްތަކުގެ ތެރެއިން، މާސްޓާސް ޑީގްރީ އޮންނަ މުވައްޒަފުންނަށް ދޭ 1500 ރުފިޔާގެ އެލަވަންސް 2000 ރުފިޔާއަށް ބޮޑުކޮށް ޑިގްރީ އޮންނަ މުވައްޒަފުންނަށް ދޭ 1000 ރުފިޔާގެ އެލަވަންސް 1500 ރުފިޔާއަށް ބޮޑުކޮށް ޑިޕްލޮމާއަށް ލިބޭ 700 ރުފިޔާގެ އެލަވަންސް 1000 ރުފިޔާއަށް ބޮޑުކޮށް، ޓެކްނިކަލް ސެޓްފިކެޓް އޮންނަ މުވައްޒަފުންނަށް ދޭ 500 ރުފިޔާގެ އެލަވަންސް 700 ރުފިޔާއަށް ބޮޑުކުރަންވެސް އަމީން އާއްމު ހުށަހަޅުއްވިއެވެ.

ކޯޓު އެލަވަންސްގެ ގޮތުގައި ކޯޓު ލައިގެން މަޖިލިސް ޖަލްސާތަކަށް ވަންނަން ޖެހޭ މުވައްޒަފުންނަށް އަހަރަކު ތިން ފަހަރު އަދި ޕްރޮޓޮކޯލްގައި އުޅޭ މުވައްޒަފުންނަށް އަހަރަކު ދެފަހަރު 5100 ރުފިޔާގެ އެލަވަންސެއްވެސް ދެމުން އާދެއެވެ. ނަމަވެސް އެ އެލަވަންސް ދެބައިކޮށް މަޖިލީހުގައި ބާއްވާ ހުވާ ކުރުމުގެ ރަސްމިއްޔާތުތަކާއި އާ އަހަރަށް މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވާ މުވައްޒަފުންނަށް ހެދުން އެލަވަންސް ދިނުމަށްވެސް އިއްޔެ ހުށަހެޅުއްވިއެވެ.