ފުވައްމުލަކު ހޮސްޕިޓަލްގައި މިހާރު މަސައްކަތްކުރާ ބިދޭސީ ޑޮކްޓަރުންގެ ބަދަލުގައި އެތަނުގައި މަސައްކަތް ކުރާނެ 11 ދިވެހި ސްޕެޝެލިސްޓް ޑޮކްޓަރުން ހޯދަން އިއުލާންކޮށްފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލް އިން އިއްޔެ ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ހޮސްޕިޓަލަށް އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، މެޑިސިން، އެނެސްތެތީސިއޮލިޖީ، ޕީޑިއެޓްރިކްސް، ސާޖަރީ، ރޭޑިއޮލޮޖީ، އޮޕްތަލްމޮލޮޖީ އަދި އޯތޮޕީޑިކްސްގެ ސްޕެޗަލިސްޓް ޑޮކްޓަރުން ހޯދަމުންދާ ކަމަށެވެ.

އެ މަގާމުތަކަށް ހޯދަމުންދަނީ ސީނިއާ ކޮންސަލްޓަންޓް ސްޕެޝަލިސްޓް ޕަބްލިކް ސާވިސް، ކޮންސަލްޓަންޓް ސްޕެޝަލިސްޓް، ސީނިއަރ ސްޕެޝަލިސްޓް ރެޖިސްޓްރާ އަދި ސްޕެޝަލިސްޓް ރެޖިސްޓްރާ ރޭންކްގެ ޑޮކްޓަރުންނެވެ.

  • ސީނިއާ ކޮންސަލްޓަންޓް ސްޕެޝަލިސްޓް ޕަބްލިކް ސާވިސްރޭންކް 11: މުސާރަ 63،893 ރުފިޔާ
  • ސީނިއާ ކޮންސަލްޓަންޓް ސްޕެޝަލިސްޓް ޕަބްލިކް ސާވިސްރޭންކް 10: މުސާރަ 57،616 ރުފިޔާ
  • ކޮންސަލްޓަންޓް ސްޕެޝަލިސްޓް ރޭންކް 9: މުސާރަ 51،827 ރުފިޔާ
  • ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓްރާ ރޭންކް 8: މުސާރަ 46،496 ރުފިޔާ
  • ސްޕެޝަލިސްޓް ރެޖިސްޓްރާ ރޭންކް 8: މުސާރަ 41،661 ރުފިޔާ

މި މަގާމުތަކަށް ޝައުގުވެރިވާ ޑޮކްޓަރުން، މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ފޯމް ހުށައެޅޭނެއެވެ. އަދި އިންޓަވިއުއަށް ޝޯޓްލިސްޓް ކުރާނީ ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން ކަމަށާއި އަދި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު ކަމަށްވެސް އިއުލާނުގައި ވެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ މަތީ ތައުލީމު ދޭ ރާއްޖޭން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ކޮޕީ ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ ހިމެނެއެވެ.