އިޒްރޭލުން، ފަލަސްތީންގެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެކުވެރި ދައުލަތް (އދ)ގެ ހާއްސަ ސެޝަން ބާއްވައި ދިނުމަށް ރާއްޖޭން އެދިއްޖެއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.
އެހެންވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މަޝްވަރާގެ މަތިން އދ.ގެ 10 ވަނަ އެމެޖެންސީ ސްޕެޝަލް ސެޝަން ބާއްވައި ދިނުމަށް އެހެން ގައުމުތަކާ ގުޅިގެން ރާއްޖޭން އެދިފައިވާ ކަމަށެވެ.
އެމެޖެންސީ ސްޕެޝަލް ސެޝަނަކަށް ގޮވައިލެވޭނީ ދުނިޔޭގެ ސުލްހައާއި ހަމަޖެހުން ގާއިމުކޮށްފައި ބޭއްވުމުގެ ޒިންމާ އދ.ގެ ސެކިއުރިޓީ ކައުންސިލަށް އަދާނުކުރެވޭ ކަމަށް މެމްބަރު ގައުމުތަކަށް ފެންނަ ހާލަތްތަކުގައެވެ.
ފަލަސްތީނުގެ މައްސަލައިގައި އެންމެ ފުރަތަމަ އެމެޖެންސީ ސްޕެޝަލް ސެކްޝަނެއް ބާއްވާފައިވަނީ 1997 ވަނަ އަހަރު، ފަލަސްތީނުގެ ބިމުގައި އިޒްރޭލުން 6،000 ގެދޮރު ހަދައި، މީހުން އާބާދުކުރުމާ ގުޅިގެންނެވެ.
އެ ފަހުން އެފަދަ ސެޝަނެއް ބާއްވާފައިވަނީ 2018 ވަނަ އަހަރެވެ. އެ ފަހަރު އިޒްރޭލުން ގާޒާއަށް ދެމުންދާ ރޮކެޓް ހަމަލާތައް ހުއްޓާލުމަށް ގޮވާލައި މެމްބަރު ގައުމުތަކުން ގަރާރެއްވެސް ފާސްކުރިއެވެ.
މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން، ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 5،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު