ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އދ. ގައި ތަގްރީރު ކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތަފުސީލުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ރައީސް އިބްރާހީމް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާއި އެ ދަތުރުގެ ހަރަދުތަކުގެ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ދަތުރުގެ ރަސީދުތައް ހޯދުމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް" ނޫހުން އެދުމުން ސަރުކާރުން އެ މައުލޫމާތު ހިއްސާކޮށްފައިނުވާތީ އެ ނޫހުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަން (އައިކޮމް) ހުށަހެޅިއެވެ. އައިކޮމްއިން ނިންމީ އެ މައުލޫމާތުތަކަކީ ހާމަކުރަން ޖެހޭ މައުލޫމާތުތަކެއް ކަމަށެވެ.
އައިކޮމްގެ އެ ނިންމުން ރައީސް އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުންވެސް މިދިޔަ މެއި މަހު ކުރި ހުކުމުގައިވަނީ އައިކޮމްގެ ނިންމުމަށް ތާއީދުކޮށްފައެވެ. އެހެންވެ، އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް އެ ކޯޓުގެ ރަޖިސްޓްރާ އެއިރު ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
އެ މައްސަލަ ބަލައިނުގަތުމުން ދައުލަތުން ވަނީ ފަނޑިޔާރުންގެ މަޖިލީހުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައެވެ. ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ އެ މައްސަލައަކީ ގާނޫނީ ގޮތުން ބަހުސް ކުރެވޭނެ މައްސަލައަކަށްވާތީ އެ މައްސަލަ ބަލައިގަތުމަށް ނިންމައިފައެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ރައީސްގެ އެމެރިކާ ދަތުރުފުޅުގެ ހަރަދުތައް ސިއްރުކުރަން ނިންމީ، އެ ދަތުރުގެ ހަރަދުގެ ރަސީދުތަކަކީ އޭގެ ތިން ވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ ލިޔުންތަކެއް ކަމުގައިވާތީ އާއި ގައުމީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު