އެކުންފުނިން ނައްތާލައިފައިވަނީ ގިނަ އަހަރުތަކެއް ވަންދެން ގުދަންކޮށް، ބާ ލިޔެކިޔުންތަކެއް ކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ބުނެފިއެވެ.

އެ ކުންފުނިން އެހެން ބުނީ، ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމާ ގުޅިގެންނެވެ.

އެ ވީޑިއޯއާ ގުޅިގެން އެފްއެސްއެމުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، ނައްތާލައިފައިވަނީ ކުންފުންޏަށް އެއްވެސް ގޮތަކުން މިހާރު ބޭނުން ހިފޭނެ ލިޔެކިޔުންތަކެއް ނޫން ކަމަށެވެ.

"މިފަދަ ވީޑިއޯ ނަގައި މީސްމީޑިއާގައި ހަގީގަތް އޮޅޭގޮތަށް ދައުރުކުރަމުންދަނީ، އާންމުންނާއި ކަސްޓަމަރުންގެ މެދުގައި ކުންފުންޏާމެދު ނުރަނގަޅު ތަސައްވުރެއް އުފައްދައި، ކަމުގެ ހަގީގަތް އޮޅޭގޮތަށް ކަމަށް ކުންފުނީގެ މެނޭޖްމަންޓުން ދެކެން،" އެފްއެސްއެމްއިން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ބުންޏެވެ.

އެނގިފައިވާ ގޮތުގައި، އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފެކެވެ. އަދި އެކަމާ ގުޅިގެން އޭނާ ސަސްޕެންޑްކޮށްފައިވާކަންވެސް އެނގިފައިވެއެވެ. ނަމަވެސް އެ މައުލޫމާތު ހާމަކުރަން އެފްއެސްއެމުން ވަނީ ދެކޮޅު ހަދައިފައެވެ.

އެފްއެސްއެމްގެ ކޮމްޕެނީ ސެކްރެޓަރީ ރިޝްފާ މައުމޫން "ވަން" އަށް މިއަދު ވިދާޅުވީ، ކުންފުނީގެ މުވައްޒަފުންގެ ސަސްޕެންޝަނާ ގުޅޭ މައުލޫމާތު ހާމަނުކުރާނެ ކަމަށާއި ކުންފުނީގެ މުވައްޒަފުންނަށް މެނޭޖުމެންޓުން އަޅާނެ ފިޔަވަޅުތައްވެސް ހާމަނުކުރާނެ ކަމަށެވެ. އަދިި އެފްއެސްއެމްގެ ސްޓޭންޑަކީ އެފަދަ މައުލޫމާތުތައް ސިއްރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.