ލަންޑަންގެ މަގުތަކަށް ލައްކައެއްހާ މީހުން އެއްވެ ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލައިފިއެވެ.

އިސްރާއީލާއި ފަލަސްތީނުގެ މަޝްރަހު ގޯސްވެ ދެ ގައުމު ދެމެދުގައި ހަމަލާ ބަދަލު ކުރަމުން ދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ފަލަސްތީނާއި އެއްކޮޅަށް އަޑު އުފުލައި ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލައިފައެވެ.

ލަންޑަންގައި މުޒާހަރާތައް ކުރިޔަށް ދިޔަ ވަގުތު މުޒާހަރާގެ ބައިވެރިން ވަނީ ބެނާ ތަކާއި ފަލަސްތީނުގެ ދިދަތަކުގެ އިތުރުން ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާ ލިޔުންތައް ހިފައިގެން އަޑު އުފުލައިފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެގައުމުގެ ބޮޑުވަޒީރު ރިޝީ ސުނާކްގެ ގެކޮޅު ހިމެނޭ ސަރަހައްދަށް ވެސް ޖަމާވެފައެވެ.

ލަންޑަންގައި ކުރިޔަށްދިޔަ ބޮޑު މުޒާހަރާ އިންތިޒާމު ކޮށްފައިވަނީ ދަ ފަލަސްތީން ސޮލިޑަރިޓީ ކެމްޕެއިން ނަމަކަށް ގިޔާ ގުރޫޕަކުންނެވެ. ޔޫކޭގެ ފުލުހުން ވަނީ އެ މުޒާރަހާގައި ގާތްގަނޑަކަށް 100،000 މީހުން ބައިވެރިވެފައިވާކަމަށް ބެލެވޭކަމަށް ބުނެފައެވެ.

ލަންޑަންގެ ފުލުހުން މުޒާހަރާ ފެށުމުގެ ކުރިން ވަނީ އެއްވެސް ފަރާތަކުން ހަމާސް އަށް ސަޕޯޓު ކުރާކަން ހާމަކޮށްފި ނަމަ ހައްޔަރު ކުރާނެ ކަމަށް ބުނެފައެވެ. ފުލުހުން ވަނީ ޖުމްލަ ގޮތެއްގައި މުޒާހަރާ އަމާންކަމާއެކީ ނިންމާލާފައިވާކަމަށް ބުނެފައެވެ. އަދި ހަމަނުޖެހުން ހިންގި 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.