އެމްއެމްޕީއާރްސީ ހިޔާނާތުގެ މެދުވެރިއަކަށް ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އަތުން ފައިސާ ހޯދުމަށް އެމްއެމްޕީއާރުސީއިން ލާފައިވާ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ އެ ކުންފުނިން އަލުން އެ ކޯޓަށް ހުށަހަޅައިފި އެވެ.
ސިވިލް ކޯޓުން 17 ސެޕްޓެމްބަރު 2017 ވަނަ ދުވަހު ވަނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުން ދައުލަތަށް ލިބެން ޖެހޭ 10.7 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް އެސްއޯއެފްއަށް ހުކުމްކޮށްފައެވެ.
އެ ހުކުމާ އެއްގޮތަށް އެ ކުންފުނިން ފައިސާ ދައްކަމުން ނުގެންދާތީ، ސިވިލް ކޯޓުން ވަނީ އެ ކޯޓުގެ އަމިއްލަ އިސްނެގުމަށް އެ މައްސަލަ ބަލަން ފަށައިފައެވެ. ނަމަވެސް އެކަމުގެ އަޑުއެހުންތަކަށް އެމްއެމްޕީއާރްސީން ހާޒިރުނުވާރީ އެ މައްސަލަ މިދިޔަ ހަފްތާގައި އެ ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.
ސިވިލް ކޯޓުގެ އިންފޮމޭޝަން އޮފިސަރު އައިޝަތު ނަޖާތު "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލަ އެމްއެމްޕީއާރްސީގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ރަޖިސްޓްރާ އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާ އެސްއޯއެފްގެ އެކައުންޓްތައް ފްރީޒްކުރުމަށް 2020 ވަނަ އަހަރު ސިވިލް ކޯޓުން އަމުރުވެސް ކުރިއެވެ. ނަމަވެސް، އެ އެކައުންޓުތައް 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ވަނީ ދޫކޮށްލައިފައެވެ.
އެމްއެމްޕީއާރްސީ އޮޑިޓްކޮށް، އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަގު 79 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.
އެސްއޯއެފްއަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލޯންޑާކުރި މައި އެކައުންޓް ކަމަށް ދައުލަތުން ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް ފަހުން އެ އެކުންފުނީގެ އިސްވެރިންގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު