އަތޮޅުވަރިން ބޭރުގައި، އެކަހެރިކޮށް އޮންނަ ހދ. މަނުކުދޫގައި މީގެ އަހަރުތަކެއް ކުރިން ބޮމެއް ގޮވައިގެން ކަނޑިތީމު ފިރިހެނަކު މަރުވެފައިވެއެވެ. އޭގެ ފަހުންވެސް އެއްޗެއް ގޮވިއެވެ. އެހެން ނަމަވެސް، އެ ފަހަރު ފުރާނައެއް ގޮސްފައެއް ނުވެއެވެ. މިއަދު މިވަނީ، އެ ރަށުގައި އަނެއްކާވެސް އެއްޗެއް ގޮވައި، ދެ މީހަކު މަރުވެފައެވެ. މި ފަހަރު ގޮވީ، އެރަށު ބަނދަރު ސަރަހައްދުގައި އޮތް އޮކްސިޖަން ސިލިންޑަރަކާއި ގޭސް ސިލިންޑަރެކެވެ. އެ ހާދިސާގައި މަރުވެފައިވަނީ އެތަކެތި ބަލައި ދިޔަ، އިންޑިއާގެ ދެ މީހުންނެވެ. އެ މީހުންނަކީ، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރާ ބިގްފިޝް ކުންފުނީގެ ސަބް ކޮންޓްރެކްޓަރު ބައިސަން މޯލްޑިވްސްގެ ދެ މުވައްޒަފުންނެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާގައި މަރުވެފައިވަނީ މުހައްމަދު ރާޖާ އަންސާރީ, 27, އާއި ސުދީރާ ސެތީ, 25, އެވެ.
މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވި ގޮތުގައި، އެ ހާދިސާ ހިނގީ މިއަދު 4:00 ޖަހާ ކަންހާއިރުއެވެ. އެ ހާދިސާ ހިނގިއިރު، އެ ސަރަހައްދުގައި، އެ ދެ ބިދޭސީން ފިޔަވައި އެހެން ބަޔަކު ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ހާދިސާގައި، އެ ދެ ބިދޭސީން މަރުވެފައިވާއިރު، އެ މީހުންގެ ހަށިގަނޑުގެ ބައިތައް ހުރީ ވަރަށް ބޮޑަށް ކުދިކުދި ވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ މީހުން އޭތި ކެރީކުރަން ދިޔަކަމަށްވަނީ. ނަމަވެސް ސީދާ ގޮވި ސަބަބެއް ނޭނގެ. ޓެކްނިކަލް ކަމެއްގެ ސަބަބުން އާންމުކޮށް ސިލިންޑަރެެއް މިގޮވަނީ. ދެން ތަންކޮޅެއް ދުރުގަ ތިބި ބަޔަކަށް އެ މަންޒަރު ފެނުނީ. ނަސީބެއް ބަޔަކު އެއްވެ ނުތިބިކަން. އެއީ އަސުރު ގަޑިއާ ދިމާވީމަ." އައުޒަމް ވިދާޅުވިއެވެ.
އިތުބާރު ހިފޭ މަސްދަރަކުން "ވަން" އަށް ކަށަވަރުކޮށްދިން ގޮތުގައި ގޮވި އޮކްސިޖަން ސިލިންޑަރާއި ގޭސް ސިލިންޑަރު ބަނދަރު ސަރަހައްދުގައި ހުންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އެތަކެތި އެ ސަރަހައްދުގައި ހުރީ އުކާލައިފައި ހުންނަ ތަކެތި ފަދައިން ކަމަށްވެސް ހަބަރުލިބިފައިވެ އެވެ. އަވިން ރައްކާތެރި ވާނޭ ގޮތެއްވެސް ނެތިއެވެ.
މަކުނުދޫ ކައުންސިލްގެ މެންބަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ސިލިންޑަރު ގޮވުމުގެ ސަބަބުން، މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް ހުރީ އެކި ދިމަދިމާލަށް ބުރައިގެން ގޮސްފައެވެ. އެންމެ ދުރަށް 600 ފޫޓަށްވެސް ހަށިގަނޑުގެ ބައެއް ބައިތައް ބުރައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެސް މީހެއްގެ ބޯ ވެސް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ބޮޑީގައި ތަންކޮޅެއް ބޮޑުކޮށް އޮތް ތިން ބައި. އެއްބައި އެއީ ކަރުން ތިރިއާއި ފޫޅުން ތިރިއާ ދޭތެރޭގެ ބައެއް އޮތް ގޮވި ތަނާ ގާތްގަނޑަކަށް 600 ފޫޓު ވަރު ހުންނާނެ އެހާ ހިސާބަށް ވިއްސައިގެން ގޮސްފަ. އެކެއްގެ ބޮޑީގެ ބައެއް. ދެން އަނެއް ބޮޑީ ގޮވިތަނާއި ގާތްގަނޑަކަށް 15 ވަރަކަށް ފޫޓު ދުރުގައި ހުރި އިމާރާތުގެ ފާރުގައި ޖެހިފައި ފާރު ބުޑަށް ވެއްޓިފަ އޮތް. އެއީވެސް ބޮޑީގެ މެދު. ބޮލުގެ ބައެއް ނެތް. އެކެއްގެވެސް ބޮލެއް ނެތް. ދެން އެކަކުގެ ދަތްޕިލައިގެ ތިން ދަތެއް އޮތް ބައެއް އަޅުގަނޑު ދެކުނިން ގާތްގަނޑަކަށް ބުނާ ނަމަ ގޮވި ސަރަހައްދާ 300 ފޫޓު ދުރުން. ދެން ފަލަމަސްގަނޑެއް ވިއްސައިގެން ގޮސްފަ އޮތް އެ ގޮވިތަނާ ގާތްގަނޑަކަށް 200-250 ދުރުގަ ހުރި ރާޑަރު ސިސްޓަމް ފާރުގަ ޖެހިފަ ވެއްޓިފަ. ދެން ވަރަށް ބޮޑަށް ކުދިކުދިވެފަ ހުރި ބައިތައް ވެސް ހުރި. އެކެއްގެ ސިކުނޑީގެ ބައިތަކެއް އަޅުގަނޑު ދުށިން ގޮވި ސަރަހައްދާ 30 ފޫޓު ދުރުން" އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، މަރުވި މީހުންގެ ހަށިގަނޑުގެ ބައިތައް އެންމެ ބޮޑަށް ބުރައިގެން ގޮސްފައިހުރީ ސިލިންޑަރު ގޮވި ސަހައްދުގެ ދެކުނަށެވެ. އެއީ ބަނދަރުގެ ދެކުނު ކޮޅެވެ. އެގޮތުން، ގާތްގަނޑަކަށް 1،200 ފޫޓު ދުރަށްވެސް ބައެއް ތަކެތި ބުރައިގެން ދިޔަ މަންޒަރު މީހަކަށް ފެނިފައިވާ ކަމަށް އޭނާއާ ހަވާލާދީ ޝަރީފް ވިދާޅުވިއެވެ.
"އެސްޓީއޯގެ އިމާރާތުގެ ފުރާޅުމަތީގައި ވެސް މަސްކޮޅުކޮޅު އެބަހުރި، މާރުކޭޓު ފުރާޅުމަތީގައި ވެސް މަސްކޮޅުކޮޅު އެބަހުރި. ރާޑަރު ސިސްޓަމް ތެރޭގަ ވެސް އެބަހުރި. ދެން ހުރަސް ތޮށީގަ އަޅާފަ އޮތް ދޯންޏެއްގެ ޑެގް މަތީގަ ވެސް އެބަހުރި. އެ ގޮވިތަނާއި އެ ދޯންޏާ ދެމެދު 50 ވަރަކަށް ފޫޓު." ޝަރީފް ވިދާޅުވިއެވެ.
ސިލިންޑަރު ގޮވި ހާދިސާގައި ދެ މީހެއްގެ ފުރާނަ ގެއްލުނުއިރު، އެ ސަރަހައްދުގައި އޮތް ދޯންޏެއްގެ ބިއްލޫރިތަކާއި ކައިރީ ބައެއް ގެތަކުގެ ބިއްލޫރިތަކާއި އެ ސަރަހައްދުގައި ހުރި ގުދަނާއި މަސް މާރުކޭޓަށްވެސް ގެއްލުންތަކެއްވެފައިވެއެވެ.
ފުލުހުންގެ ފޮރިންސިކް ޓީމެއް މަކުނުދޫގައި މިހާރު ހަރަކާތްތެރިވަމުން އަންނައިރު، އެ ޓީމުން އަދިވެސް އަންނަނީ، މަރުވި މީހުންގެ ހަށިގަނޑުގެ ބައިތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ކަން ހިނގާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، އިހުމާލު ބޮޑު ކަމަށްގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ. ސިލިންޑަރުތައް މަގުމައްޗަށް އުކާލެވިފައި ހުރުމަކީ ސީރިއަސް މައްސަލައެކެވެ. މި ފަދަ ތަކެތި ހުންނާން ވާނީ ރައްކާތެރި މާހައުލެއްގަ އެވެ. ބައެއްގެ ފުރާނަ މި ދިޔައީ އިހުމާލުން ނަމަ، އެ ބަޔަކު ޒިންމާދާރުކުރުވެން ވާނެ އެވެ. ފިޔަވަޅުވެސް އެޅެން ޖެހޭނެ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް