އުރަމަތީ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ހާޑްރޮކް މޯލްޑިވްސް އިން ބާއްވާ ދުވުން، ޕިންކްޓޯބާ ފަން ރަން މިއަދު ކްރޮސްރޯޑްސްގައި ބާއްވައިފިއެވެ.
ޕިންކްޓޯބާ ފަން ރަންއަކީ ހާޑްރޮކް ހީލްސް ފައުންޑޭޝަންގެ ފަރާތުން ކޮންމެ އަހަރަކުވެސް 70 ގައުމެއްގައި 260 ލޯކޭޝަނެއްގައި ބާއްވާ ދުވުމެކެވެ. މި އަހަރަކީ ރާޑްރޮކްގައި އެ ދުވުން ބާއްވާ 24 ވަނަ އަހަރެވެ. އަދި މިއީ މީގެ ހަތަރު އަހަރު ކުރިން ހުޅުވި، ހާޑްރޮކް މޯލްޑިވްސް ރިސޯޓުގައި އެ ދުވުން ބޭއްވި ތިންވަނަ އަހަރެވެ.
ރާއްޖޭގައި މި އަހަރުގެ ދުވުން ކެންސަރު ސޮސައިޓީ މޯލްޑިވްސްއާ ގުޅިގެންނެވެ. އެ ދުވުމުން ލިބޭ ފަންޑު ހަދިޔާ ކުރަން ހަމަޖެހިފައިވަނީވެސް އެ ސޮސައިޓީއަށެވެ.
މި އަހަރުގެ ދުވުމާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން ހާޑްރޮކް ހޮޓެލްސް މޯލްޑިވްސްގެ މެނޭޖަރު އަބްދުﷲ މުފީދު ވިދާޅުވީ، ކޮންމެ އަހަރަކު އެކި ތަންތަނުގައި ބާއްވާ އެ ދުވުމުން ލިބޭ ފައިސާ ހަދިޔާކުރަނީ އުރަމަތީ ކެންސަރަށް ހޭލުންތެރިކުރާ ޖަމިއްޔާތަކަށް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެ ދުވުމުން ލިބުނު 100،000 ލައްކަ ރުފިޔާ ކެންސަރު ސޮސައިޓީއަށް ހަދިޔާކުރި އިރު، އުންމީދަކީ މި އަހަރު އެއަށްވުރެ ބޮޑު އަދަދެއް ލިބުން ކަމަށް ވިދާޅުވިއެވެ.
"މި ފަން ރަންއަކީ ބޮޑަށް ޓާގެޓް ކޮށްފައި މި އޮންނަނީ އެވެއާނެސް ގޮތަށް، ބްރެސްޓް ކެންސާއަކީ ކޮބައި ކަމާއި އެއީ ކިހާވަރެއްގެ ކަމެއް ކަމާއި ކިތައް މީހުން މިކަން ތަހައްމަލު ކުރާ ކަމާއި އޭގައި އަޅުގަނޑުމެން އެންމެންގެ ސަޕޯޓް ބޭނުންވާ ކަމާއި މިއީ ކިހާ މުހިންމު ކަމެއްކަން މީހުންނަށް އަންގައިދިނުން،" މުފީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއީ ދުނިޔެއިން ފޮހެލެވޭނެ ބައްޔެއްކަން އަންގައިދިނުމަކީވެސް އެ ދުވުމުގެ ބޮޑު އަމާޒެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ދުވުން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޕިންކްޓޯބާ އެވެއާނެސް ހަރަކާތްތަކުގެ ތެރޭގައި މިރޭ ރޭގަނޑުގެ ކެއުމެއް ބާއްވަން ނިންމާފައިވާއިރު، އެ ކެއުމުގެ ތެރެއިން ސައިލެންޓް އޮކްޝަނެއްވެސް ބާއްވާނެއެވެ. އެ އޮކްޝަންގައި ވިއްކާނީ އެތަނުގެ ދެ ރިސޯޓެއްގެ ހުރުމެވެ.
މުފީދު ވިދާޅުވީ، ހާޑްރޮކް ކެފޭގައިވެސް އޮކްޝަންތަކެއް އޮންނާނެ ކަމަށާއި ޑިނާ ވައުޗާތަކާއި ސްޕާ ވައުޗާތައް އޭގެ ތެރެއިން އޮކްޝަން ކުރާނެ ކަމަށެވެ. އެ އޮކްޝަންތަކުން ލިބޭ ފައިސާ ހަދިޔާ ކުރާނީ ކެންސަރު ސޮސައިޓީއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ދުވުމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ކެންސަރު ސޮސައިޓީގެ އޯގަނައިޒިން ސެކްރެޓަރީ ރަޒާން މުހައްމަދު ވިދާޅުވީ އެފަދަ އިވެންޓުތައް ބޭއްވުމަކީ އެ ސޮސައިޓީއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އެ އިވެންޓުތަކުން ލިބޭ ފަންޑުތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ސޮސައިޓީން ބާއްވާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކާއި ކެންސަރު ސްކްރީނިން ޕްރޮގްރާމްތައް ހިންގަން އެހީތެރިކަން ލިބޭ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު