ގައުމީ ޔޫތު ޗެމްޕިއަންޝިޕް 2023ގެ އަންހެނުންގެ ޓީ20 ކްރިކެޓް ޝީލްޑް ލ. ކުނަހަންދޫން ކާމިޔާބު ކޮށްފިއެވެ.
ތިން ޓީމް ވާދަކުރި މުބާރާތުގެ ފައިނަލުގައި ކުނަހަންދޫ އިއްޔެ ހަވީރު ނުކުތީ ފުވައްމުލަކު ސިޓީ ޓީމާ ދެކޮޅަށެވެ. ފައިނަލު މެޗުގެ ކުރިން ލީގު ބުރުގައި މިދެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކުރީ ފުވައްމުލަކުންނެވެ. ނަމަވެސް ފައިނަލް މެޗުގައި ފުވައްމުލަކު ޓީމުގެ މައްޗަށް، ލިރުގާމް ސައީދުގެ ކޯޗުކަމުގައި ކުޅުނު ކުނަހަންދޫއިން ވަނީ 36 ލަނޑުން ކުރި ހޯދައިފައެވެ.
ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ފުވައްމުލަކު ޓީމުން ގަސްދުކުރީ ހޮވުމަށެވެ. ކުނަހަންދޫ ޓީމުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 125 ލަނޑު ހެދިއެވެ.
ކުނަހަންދޫ ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 61 ބޯޅައިން 76 ލަނޑު ހެދި ސުމައްޔާ ހަމީދެވެ. އެއިނިންގްސްގައި ފުވައްމުލަކު ޓީމުގެ ފާތިމަތު އަނާލް އާއި ފާތިމަތު މާހާ ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓު ނަގައިފައެވެ. ޖަވާބުގައި ފުވައްމުލަކު ޓީމުން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 89 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 16 ލަނޑު ހެދި ކެޕްޓަން އައިޝަތު އައިމާއެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 13 ލަނޑު ހެދި މަރިޔަމް ސަމާ 13 އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުނަހަންދޫގެ ސުމައްޔާ ހަމީދެވެ. 324 ލަނޑާ އެކު މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިއަކީ ވެސް ސުމައްޔާއެވެ. 20 ވިކެޓާ އެކު މުބާރާތުގައި އެންމެ ގިނަ ވިކެޓު ނެގި ކުޅުންތެރިޔަކީ ކުނަހަންދޫގެ ނަބާ ބިންތި ނަސީމެވެ.
މި މުބާރާތަކީ ކުނަހަންދޫގެ އަންހެން ޓީމް ގައުމީ ލެވެލްގައި ކާމިޔާބުކުރި ތިން ވަނަ މުބާރާތެވެ. މީގެ ކުރިން، 2018، 2019 ގައި ވެސް އެ ޓީމުން ވަނީ އަންހެން ކްރިކެޓު މުބާރާތް ކާމިޔާބުކޮށްފައެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް