ޕޮލިސް ބޯޑުން އެދޭ ގޮތަށް ހޯމް މިނިސްޓްރީން ކަންތައްތައް ކުރަމުން ނުދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.

241 ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ދިވެހި ފުލުހުންގެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާބެހޭ ގޮތުން ޕޮލިސް ބޯޑުން ކޮމިޓީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި ޕޮލިސް ބޯޑުގެ މައިގަނޑު ޝަކުވާއަކީ އެ ބޯޑުން އެދޭ ކަންކަން ހޯމް މިނިސްޓްރީން ކުރަމުން ނުދިއުން ކަމަށްވެސް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، އެ މައްސަލައިގައި ޕޮލިސް ބޯޑުގެ ބޭފުޅުންނާއީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ވަކިވަކިން ބައްދަލުކޮށް މަޝްވަރާކޮށް މައުލޫމާތު ހޯދާފައިވާ ކަމަށެެވެ. އެ ފަރާތްތަކުން ލިބުނު މައުލޫމާތުގެ އަލީގައި ކަމާބެހޭ ކަރުދާހެއް މިހާރު އެކުލަވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، އެ ފަރާތްތަކުން ލިބިފައިވާ މައުލޫމާތުގެ އަލީގައި އެ މައްސަލައަށް ގޮތެއް ނިންމާނީ އެ ތިން ފަރާތާ އެއްކޮށް ބައްދަލުކޮށް މައްސަލަތަކާމެދު ވާހަކަދެއްކުމަށްފަހުގައި ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ހަފުތާތަކުގައި އެ ތިން ފަރާތް އެއްކޮށް ކޮމިޓީއަށް ހާޒިރުކޮށް އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ގާނޫނުގައި ބުނެފައިވާ ގޮތުން، ފުލުހުންގެ ކަންކަން ބަލަހައްޓާ އެންމެ އިސް ފަރާތަކީ ޕޮލިސް ބޯޑެވެ. ފުލުހުންގެ ކަންކަމާމެދު އެ ބޯޑަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ސީދާ ކޮމިޝަނަރު އޮފް ޕޮލިހެވެ.

ފުލުހުންގެ ގާނޫނުގައި ބުނާ ގޮތުން ފުލުހުންގެ ބޯޑު އެކުލެވިގެން ވަނީ ރައީސް އައްޔަންކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މެންބަރުންގެ އިތުރުން އާންމުންގެ ތެރެއިން ދެ މެންބަރެއްގެ މައްޗަށެވެ.