ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ ސްޕޯޓްސް އެކެޑަމީ، ސާއިދު ސްޕޯޓްސް އާއެކު ކުޑަކުދިންނަށް ހާއްސަ ރަނިން ކްލިނިކެއް ބޭއްވުމަށް ދިރާގުން ނިންމައިފިއެވެ.

ސާއިދު ސްޕޯޓްސްއަކީ ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ކޯޗިން ޕާޓްނަރެވެ.

ދިރާގުން ބުނީ، ދިރާގު މޯލްޑިވްސް ރޯޑް ރޭސްގައި ބައިވެރިވި 13 އަހަރުން ދަށް އަދި 13 އަހަރުން މަތީގެ ސްކޫލް ފަސް ކިލޯމީޓަރު ކެޓެގަރީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މި ރަނިން ކްލިނިކް ބާއްވާނީ އަންނަ އާދީއްތަ ހަވީރު 4:30 އިން 5:45 އަށް މާލޭ ރަނިން ޓްރެކުގައި ކަމަށެވެ.

މި ކްލިނިކުން ދަރިވަރުންނަށް ސާއިދުގެ ފަރާތުން ކޯޗިން އިރުޝާދު ލިބުމުގެ އިތުރުން ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023ގެ މެޑިކަލް ޕާޓްނަރު، ޓްރީޓޮޕް ހޮސްޕިޓަލްގެ ހާއްސަ ސެގްމަންޓެއްގެ ގޮތުން އެ ހޮސްޕިޓަލްގެ ޑރ. އިބްރާހިމް އިޔާޒުގެ ފަރާތުން ދުވުމާއި ސިއްހަތާ ގުޅޭ ގޮތުން ތަފާތު ޓިޕްސް ކުދިންނަށް ކިޔައިދޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ރަނިން ކްލިނިކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް http://bit.ly/3QjGxuB މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ހަތަރުހާހަށްވުރެ ގިނަ ބައިވެރިންނާއެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތު ދުވުންތެރިންނަށް ލިބިގެންދާނެއެވެ. އަދި އެހެން އަހަރުތަކެކޭ އެއްފަދައިން ފަސް ކިލޯމީޓަރު އަދި ދިހަ ކިލޯމީޓަރު ދުވުންވެސް އޮންނާނެއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. އަދި މިއީ ވާލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.