އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވާން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް 30 މިނެޓުގެ ފުރުސަތެއް ދޭން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް އެމްޑީޕީން ހުށަހަޅާފައިވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ 48 މެމްބަރުންގެ ސޮޔާއެކުގައެވެ. މަޖިލިސް ގަވާއިދު ބުނާ ގޮތުން މަޖިލީހަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ބަހުސްކުރާނެ ވަގުތާއި އިތުބާރު ނެތްކަމުގެ މައްސަލަ ރައްދުވާ ފަރާތް ޖަވާބުދާރީވާން ދޭންޖެހޭ ވަގުތު ކަނޑައަޅާނީ މަޖިލީހުގެ އާންމު ކޮމިޓީންނެވެ.
މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމަށް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ކަނޑައަޅަން ހުށަހެޅުމުން އެ މައްސަލައިގައި ޖަވާބުދާރީވާން މަޖިލިސް ރައީސަށް 30 މިނެޓުގެ ފުރުސަތެއް ދިނުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
ޝާހިދު ވިދާޅުވީ އޭނާ އެގޮތަށް ހުށަހެޅުއްވީ މީގެކުރިންވެސް މަޖިލީހަށް ހުށަހަޅާފައިވާ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ކޮމިޓީން ނިންމާފައިވާ ނިންމުތަކާ ދާދި އެއްގޮތަށް ކަމަށެވެ. އެގޮތުން އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖުމުލަ ވަގުތަކީ ދެ ގަޑިއިރު ކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖާވާބުދާރީވެ ވަޑައިގެންނެވުމަށް، އޭގެ ތެރެއިން ޖުމުލަ 30 މިނެޓުގެ ފުރުސަތެއް ދެއްވުމަށް ޝާހިދު ހުށަހެޅުއްވިއެވެ.
"އެ ފުރުސަތު އެ މަނިކުފާނު ބޭނުންފުޅު ކުރެއްވުމަށް ފެއްޓެވުމުގެ ގޮތުން 10 މިނެޓު، މެދު ތެރެއިން 10 މިނެޓު އަދި ނިންމެވުމުގެ ގޮތުން 10 މިނެޓު، ދެން ބާކީ އޮތް ދޮޅުގަޑިއިރު ސިޔާސީ ޕާޓީތަކާއި މިނިވަން މެންބަރުންނަށް ޕަސެންޓޭޖުގެ ގޮތުން ބެހިގެންދާ ގޮތަށް، އެއީ ވާހަކަދައްކަވާ ކޮންމެ މެންބަރަކަށް ތިން މިނެޓަށްވުރެ ދިގު ނުވާނޭ ގޮތަށް ފުރުސަތު އަރުވަން،" ހުށަހެޅުން ހުށަހަޅުއްވަމުން ޝާހިދު ވިދާޅުވިއެވެ.
މެންބަރު ޝާހިދުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.
ނަމަވެސް ޖަވާބުދާރިވެ ވަޑައިގަތުމަށް މަޖިލިސް ރައީސަށް 30 މިނެޓުގެ ވަގުތެއް ދެއްވުމަށް އެ ކޮމިޓީގައި ތިއްބެވި ޑިމޮކްރެޓިކް ޕާޓީގެ ދެ މެންބަރުން ކަމަށްވާ އެ ޕާޓީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ދެކޮޅު ހެއްދެވިއެވެ.
އާޒިމް ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ފުދޭވަރެއްގެ ބޮޑެތި ތުހުމަތުތަކެއް ކޮށްގެން ކަމަށްވާތީ، ޖަވާބުދާރީވެ ވަޑައިގަތުމަށް ތިން ގަޑިއިރުގެ ފުރުސަތެއް މަޖިލިސް ރައީސަށް ދެއްވުމަށް ވަަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. މަޖިލިސް ގަވާއިދު ބުނާ ގޮތުން އެއީ ނުކުރެވޭނެ ކަމެެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އަލީ އާޒިމްގެ ވާހަކަތަކަށް ތާއީދުކޮށް އިލްޔާސް ވިދާޅުވީ، ގަވާއިދުގައި ބުނަނީ ތިން ގަޑިއިރަށްވުރެ ބަހުސް ދިގު ވެގެންނުވާނެ ވާހަކަ ކަމަށާއި ނަމަވެސް މައްްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވާނެ ވަގުތު ނުދެވޭނެ ވާހަކަ ގަވާއިދުގައި ނެތް ކަމަށެވެ.
ނަމަވެސް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވީ، ގަވާއިދުގައި ތިން ގަޑިއިރުގެ ބަހުސެއް ކަނޑައެޅިފައިވަނީ އެ ހުރިހާ ކަމެއް ހިމަނައިގެން ކަމަށެވެ. މީގެ ކުރީގެ އިތުބާރު ނެތްކަމުގެ މައްސަލަަތަކުގައިވެސް ކޮމިޓީން އެގޮތަށް އަމަލުކޮށްފައި ވަނީ އެހެންވެގެން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މެންބަރު ޝާހިދު ހުށަހެޅުއްވި ގޮތަށް އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ޖުމުލަ ދެ ގަޑިއިރަށް ކުރިއަށް ގެންދިއުމަށާއި ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލިސް ރައީސަށް 30 މިނެޓުގެ ފުރުސަތެއް ދިނުމަށް ވޯޓަށް އެހުމުން އެގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު