އިޒްރޭލުގެ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަން ބާރުއަޅަން ރާއްޖެއިން ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލާފައިއެވެ.

ރާއްޖެއިން މިގޮތަށް ގޮވާލާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި އިއްޔެ ބޭއްވި އދ.ގެ އާންމު މަޖިލީހުގެ 78 ވަނަ ސެޝަންގެ އިގުތިސޯދީ އަދި މާލީ ކަންކަމާބެހޭ ކޮމިޓީ (ސެކަންޑް ކޮމިޓީ)ގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބައިލެޓެރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދު އިއްވި ބަޔާނެއްގައެވެ.

ރާއްޖޭގެ ބަޔާނުގައި ވަނީ ހަމަލާތައް މިހާރުން މިހާރަށް ހުއްޓުވުމަށް ބާރުއެޅުމަށާއި ގާޒާގެ އާންމު ރައްޔިތުންނާއި އާއްމު ބޭނުންތަކަށް ބޭނުންކުރެވޭ އުމްރާނީ ވަސީލަތްތަކަށް ހަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ގާޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.2 މިލިއަން ރައްޔިތުން 24 ގަޑިއިރުތެރޭގައި ގާޒާގެ ދެކުނަށް ދިއުމަށާއި އެންމެ ހަ ގަޑިއިރުތެރޭގައި ގެތަކުން ނުކުތުމަށް އެތައް މިލިއަން ބަޔަކަށް އިޒްރޭލުން އެންގި އެންގުމަކީ ބައިނަލްއަގުވާމީ އަދި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފު ކަމެއްކަން ބުނެފައިވެއެވެ.

ރާއްޖޭން ވަނީ އިޒްރޭލުން އެ އަމުރު އަނބުރާ ގެންދިއުމަށްވެސް ގޮވާލައިފައެވެ. އަދި ގާޒާއަށް އެހީ ދިނުން އަވަސްކޮށް، ބަންދު ކޮށްފައިވާ އެހީގެ މަގުތައް ވީހާވެސް އަވަހަށް ހުޅުވާލުމަށްވެސް ގޮވާލިއެވެ.

ރާއްޖޭގެ ބަޔާނުގައި ފަލަސްތީންގެ ރައްޔިތުންގެ ވަކި ދައުލަތެއް ގާއިމުކުރުން ހިމެނޭހެން، އެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތެއް ނެތި ރާއްޖެއިން ތާއީދުކުރާ ކަމަށެވެ.

އެގޮތުން ދާއިމީ، ދެމެހެއްޓެނިވި ހައްލެއް ލިބެން އޮތީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން، މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރެވިގެންކަން ރާއްޖެ އިން އދ.ގައި އިއްވި ބަޔާނުގައި ބުނެފައިވެއެވެ.