އައިފޯން 15 އަށް އަނެއްކާވެސް ހިތާމަވެރި ހަބަރެކެވެ. ފުރަތަމަ ފޯނު މާބޮޑަށް ހޫނުވާ މައްސަލައެވެ. އެކަން އެޕަލް އިން ވަނީ ރަނގަޅު ކޮށްފައެވެ. އެހެން ނަމަވެސް މިފަހަރު އައިފޯން 15 ޕްރޯ މެކްސް ގެ ޑިސްޕުލޭ ނުވަތަ ސުކުރީ ބާންއިން (އަނދާ) މައްސަލައިގެ ރިޕޯޓްތައް ފެނުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމެކެވެ. އެޕަލް އަކީ އެންމެ ބޮޑަށް ފޯނުތައް ޓެސްޓު ކުރެވިގެން އަދި އެންމެ ފެންވަރު ރަނގަޅު އުފެއްދުންތައް ނެރޭ ކުންފުނިކަމަށް ވާތީއެވެ. އެޕަލްގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުގެ މި މައްސަލަ ރެޑިޓް، އެކްސް/ޓްވިޓާ، އެޕަލްގެ އަމިއްލަ ކޮމިއުނިޓީ ފޯރަމް އަދި އެހެނިހެން ތަންތަނުގައި މި މައްސަލައިގެ ވާހަކަތައް އަންނަނީ ފާހަގަ ކުރަމުންނެވެ.

މެކްރޫމަރސް ފޯރަމްގައި ލިޔެފައިވާ ގޮތުގައި ސްކްރީން އަނދާ މައްސަލަ ފާހަގަވީ އައިފޯން 15 ޕްރޯ މެކްސް ބޭނުންކުރިތާ އެންމެ 14 ދުވަސް ފަހުންނެވެ. މި މައްސަލައާ ބެހޭގޮތުން ބުނެފައިވަނީ އިހުތިޔާރީ އޮލްވޭސް އޮން މޯޑް އެނެބަލްކޮށްފައިވާ ކަމަށާއި ނަމަވެސް ޓައިމަރު ސެޓްކޮށްފައިވަނީ 2 މިނެޓް ވަންދެން އައިޑަލްކޮށް ހުރުމަށްފަހު ސްކްރީން ނިއްވާލުމަށެވެ. އެހެން ނަމަވެސް އެންމެ ދެ މިނެޓް ފޯނުގެ ސްކުރީން ނިންވައި ނުލައި އޮތުމުން ސްކުރީން އެނދުމާ އެކު ފޯނު އެޕަލް ސްޓޯރަކަށް ގެންދިޔައެވެ. އެޕަލްގެ އިންޖިނިއަރު މައުލޫމާތު ދިނީ ފޯނުގެ ސްކުރީން ނުވަތަ އޯލެޑް ޑިސްޕުލޭ އަނދާ ކަމުގައެވެ. އެހެން ކަމުން ހައްލަކީ ސްކްރީން ބަދަލުކުރުން ކަމަށާއި ނަމަވެސް އައިފޯން 15 ޕްރޯ މެކްސްގެ ސްކުރީން އަދި ލިބޭކަށް ނެތެވެ.

އިތުރު ބައެއް މީހުން ވެސް ވަނީ އައިފޯން 15 ޕްރޯ މެކްސް ފޯނުތަކުގައި ބާން-އިން މައްސަލަ ހުރިކަން ކަށަވަރުކޮށްދީފައެވެ. ފެންނަ ފެނުމުގައި މިއީ ހަމައެކަނި 15 ޕުރޯ މެކްސް މޮޑެލްއަށް ދިމާވާ މައްސަލައެވެ. އަދި އެޕަލް އިން ވަނީ ފޯނުތައް ބަދަލުކުރަން އެއްބަސްވެފަ އެވެ. މިވަގުތު މި މައްސަލައަށް އޮތް ހައްލަކީ ފޯނު އައުފޯނަކަށް ބަދަލުކުރުމެވެ. ސަބަބަކީ ފޯނުގެ ޑިސްޕުލޭ ވަކިން އަދި ލިބެން ނެތުމެވެ. އެޕަލްގެ އެންމެ ފަހުގެ ފޯނުތައް ހޫނުވަމުންދާ ކަމަށް ބުނާ ރިޕޯޓްތައް އައީ އެ ފޯނުތައް ނެރުނުތާ އެންމެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

މި މަހު ވިއްކަން ނެރުނު އައިފޯނު 15 ފޯނުތަކަށް ވަނީ މާބޮޑަށް ހޫނުވުން (އޯވަހީޓިން) މައްސަލަތައް ވެސް ކުރިމަތިވެފައެވެ. އެހެން ނަމަވެސް މިހާރު ވަނީ އެ މައްސަލައަށް ހައްލެއް ހޯދައިދީފައެވެ. އެއީ އައިއޯއެސް އަށް ނެރުނު އަޕްޑޭޓް ޕެޗަކާ އެކު އައިއޯއެސް ވަރޝަން 17.0.3 އިންނެވެ. އެހެން ނަމަވެސް މިހާރު ކުރިމަތި ވެފައިވާ ސްކުރީން އެނދުމުގެ މައްސަލައާ އެކު އަނެއްކާވެސް މިވަނީ އައިފޯން ގަންނަ މީހުންނަށް އިތުރު ބޮލުގެ ރިހުމެއް ކުރިމަތިވެފައެވެ.