ހުޅަނގުގެ ގައުމުތަކުން ޕްރެޝަރު ކުރިޔަސް މެލޭޝިއާ އޮންނާނީ ފަލަސްތީނާ އެކު ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ވާހަކަފުޅުދައްކަވަމުން އަންވަރު ވިދާޅުވީ، ހުޅަނގުގެ ގިނަ ގައުމުތަކަކުން ތަކުރާރުކޮށް ޕްރެޝަރު އަންނަމުންދާ ކަމަށާއި ނަމަވެސް އެގައުމުން އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު ކަމަށެވެ.

އަންވަރު ވަނީ ހަމާސް އާއެކު މީގެ ކުރިންވެސް އޮންނަ ގާތް ގުޅުމަށް ބަދަލު ނާންނަ ކަމަށްވެސް ވިދާޅުވެފައެވެ.

އަންވަރު މީގެ ކުރިން ވަނީ ބައިނަލްއަގުވާމީ ފަރާތްތަކުން ފަލަސްތީނު މައްސަަލައިގައި ވަކިކޮޅަކަށް ޖެހިގެން ތިބުމުގެ ސަބަބުން އާންމުންނަށް ގެއްލުން ވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްތީނު ބިމަކީ އެ ގައުމުގެ މިލްކެއް ކަމަށާއި ޒަޔޮނިސްޓުގެ އަމަލުތައް ކުއްވެރިކުރާ ކަމަށްވެސް ވިދާޅުވިއެވެ.