ސިއްހީ ދާއިރާ ހުއްޓުމަކަށް ނާންނާނެ ކަމަށާއި ސިއްހީ ދާއިރާއަށް ބޭނުންވާ ސަމާނުތައް ލިބޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އިންތިހާބީ ރައީސް. ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، މި އަހަރުގެ ފަހު ހަ މަސް ދުވަހަށް ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނަށް އޯޑަރުކޮށްފައި ނުވާ ކަމަށެވެ. އެހެންވެ ސިއްހީ ދާއިރާ ހުއްޓުމަކަށް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ އެކަމާ ގުޅިގެން ވިދާޅުވީ މިއަހަރުގެ ނިޔަލަށް ބޭނުންވާ ހުރިހާ ސާމާނެއް ހޮސްޕިޓަލްތަކުގައި އަދި ސިއްހީ މަރުކަޒުތަކުގައި ހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސިއްހީ ސާމާނަށް އޯޑަރު ކުރަނީ ކޮންމެ އަހަރަކު ދެ ފަހަރަކު ކަމަށެވެ. އެގޮތުގެ މަތިން މިއަހަރަށް ބޭނުންވާ ބައެއް އިތުރު ސާމާނު ގަތުމަށް ފިނޭންސިން މިނިސްޓްރީއަށް ޕާޗޭސިން އޯޑާ ފޮނުވާފައިވާ ކަމަށެވެ.

"އެގޮތަށް ބޭނުންވާ ތަކެތި ގަތުމަށް ފިނޭންސަށް ފޮނުވި ޕީއޯއެއް ފެނިގެން އެ ވާހަކަ ދެއްކީ. ފިނޭންސުގެ ފަރާތުން ލަސްވަނީ މިއަހަރަށް ބޭނުންވާ އިތުރު ސާމާނުގަތުމަށް ބޭނުންވާ ފައިނޭންސް، އެ ފައިސާ ފިނޭންސުން ދޫކުރިހާ އަވަހަކަށް ތަކެތި ލިބޭނެ. ބޭނުންވާ ބަޖެޓު ފިނޭންސުން ދޫކުރާނެ" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިއްހީ ސާމާނު ގަތުމަށް އަބަދުވެސް އަމަލުކުރަމުން އަންނަނީ އެއް ގޮތަކަށް ކަމަށެވެ. އެ ގޮތަކީ އަހަރަކު ދެ ފަހަރުން ގަތުން ކަމަށާއި އެއީ ކޮންމެ ހަމަހަކުން ކަމަށެވެ.