އިންތިހާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުން ކެމްޕެއިން ކުރުމުގައި ރިޝްވަތަށް މަގުފަހިވާގޮތަށް ހިންގާ ކަންކަމާއި ވައުދުތައް ވަކިވާގޮތް ތަފްސީލުކޮށް އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހު ކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ، ޖަލްސާގައި ތިއްބެވި، 47 މެންބަރުންގެ ތެރެއިބް 43 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އިންތިހާބަކާ ގުޅިގެން ކެނޑިޑޭޓަކު އެކެނޑިޑޭޓުގެ އާންމު ތަސައްވަރެއް ނުވަތަ ސިޔާސަތެއް ހާމަކުރާ ކުރުން ފިޔަވައި އެނޫން ގޮތަކަށް ވަކި ފަރުދަކަށް އާންމު ޖަމާއަތަކަށް މަންފާ ވާނޭގޮތަކަށް ސީދާ ގޮތުން ވިޔަސް އަދި ނުސީދާ ގޮތުން ވިޔަސް ފައިސާ އާއި އެނޫން އިނާޔަތެއް ދިނުމަކީވެސް ރިޝްވަތުގެ ގޮތުގައި ބެލެވޭނެކަމަށް ބިލުގައި ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ވަޒީފާގެ ނުފޫޒާއި އެނޫން ކަންކަންވެސް ހިމެނެއެވެ.

ވޯޓުނަގާ ދުވަހުގެ 10 ދުވަސް ކުރިން އެރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ނުވަތަ އެތަނެއްގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް، ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް ވަނުމުގެ ހުއްދަ، ތަފާތު ކުރުމަކާ ނުލައި، މިގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ އަދަދަކަށް އިލެކްޝަންސް ކޮމިޝަނުން ދޭންވާނެ ކަމަށްވެސް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެއެވެ. ނަމަވެސް ގާނޫނުގައި މިހާރު އޮތީ ހުއްދަ ދޭން ޖެހޭނީ އެންމެ މީހަކަށް ކަމަށެވެ.

މިހާރު ގާނޫނުގައި ބުނާގޮތުން ކެންޑިޑޭޓެއްގެ މާލީ ބަޔާން ހުށަހަޅަން ޖެހެނީ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައެވެ. ނަމަވެސް އެ މުއްދަތު، އެއްމަސް ދުވަހަށް އިތުރު ކުރުމަށް އިސްލާހުގައި ވަނީ ހުށަހަޅައިފައެވެ.

ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އެޖެންޓު މަރުވުން، އިސްތިއުފާދިނުން ނުވަތަ ވަކިކުރުމުން އެކަން އިލެކްޝަން ކޮމިޝަނަށް އަންގަން ޖެހޭ މުއްދަތައް ބަދަލުގެނެސް، އެ ހާލަތެއްގައި ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެކަން އިލެކްޝަނަށް އަންގަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ހުށަހަޅައިފައެވެ. ގާނޫނުގައި މިހާރު އެކަމަށް ކަނޑައަޅާފައި އޮންނަނީ ހަތް ދުވަހުގެ މުއްދަތެކެވެ.

ވޯޓުލާ މަރުކަޒަކަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު އެއް ޕަސެންޓަށްވުރެ އިތުރުނުވާ އަދަދެއްގެ ވޯޓުކަރުދާސް ފޮނުވަން ވާނެކަމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮތް ނަމަވެސް، މަރުކަޒަކަށް ވޯޓު ލުމަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ އަދަދު 100 މީހުންނަށްވުރެ މަދުނަމަ ގިނަވެގެން އިތުރު އެއްވޯޓު ކަރުދާސް ފޮނުވާން ޖެހޭނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.