އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ، ގެއްލިފައިވާ ކަމަށް އެބޭފުޅުން ވިދާޅުވާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދައި މިނިވަންކުރުމުގެ މަސައްކަތް ކަމަށް ދަ ޑިމޮކްރެޓްސްގެ މެންބަރު، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑެ) ވިދާޅުވެއްޖެއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދާމެދު ދެ ގައުމު ދެމެދުގައި ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް 47،232 އަކަކިލޯމީޓަރު ވަނީ ލިބިފައެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ.
އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބުނަމުން އަންނަނީ އެއީ ރާއްޖެއަށް ލިބުނު ކާމިޔާބެއް ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ އެއީ ހިޔާނާތްތެރިވުމެއް ކަމަށާއި، އެކަމަކީ ރާއްޖޭގެ ސަރަހައްދެއް ދޫކޮށްލުން ކަމަށެވެ. އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވަނީ މުޒާހަރާތަކެއްވެސް ބާއްވައިފައެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކީވެސް އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދާ ކަމެކެވެ. އެ ފަރާތްތަކުން ތުހުމަތު ކުރަމުން ގެންދިޔައީ، ކަނޑުގެ މައްސަލައިގައި މިހާތަނަށް ރާއްޖޭގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތު ބަދަލުކޮށް، ކަނޑުގެ ސަރަހައްދުން އެބައި ދިނުމަށް އެ ސިޓީފުޅުގައި ރައީސް ސޯލިހު އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެ ސިއްރު ސިޓީފުޅު ވަނީ ލީކުވެފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެއްވެސް ކަމެއް އެ ސިޓީން ފާހަގަވާކަށް ނެތެވެ.
އެ މައްސަލައިގައި، ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި އިދޮކޮޅު، އަދި މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރި، ޕީއެންސީގެ މަޖިލިސް މެންބަރު މަޑުއްވަރީ ދާއިރާގެ މެންބަރު ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބޮނޑެ ވިދާޅުވީ، އެ ގަރާރަކީ މިފަހަރުގެ ރިޔާސީ އިންތިހާބު ކުރެއްވި ޕާޓީގެ މެންބަރު ހުށަހަޅުއްވާފައިވާ ގަރާރެއް ކަމަށެވެ. އަދި އެ މައްސަލައިގައި ސަރުކާރު ޖަވާބުދާރީ ކުރުވަން ރައްޔިތުންގެ މަޖިލީހުން ކުރި މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުންދީފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިއްރު ސީޓީފުޅާ ބެހޭގޮތުން، ކަން ހިނގާފައިވާ ގޮތް އޮޅުން ފިލުވުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު، މަޖިލީހަށް ހާޒިރު ކުރިނަމަވެސް އޭނާ ވިދާޅުވީ، ބަންޑާރަ ނާއިބު އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.
އެހެންކަމުން "ސަރުކާރާ ހަވާލުވެފައި އަޅުގަނޑު އެދެން މުއިއްޒު ފުރަތަމަ އިސްކަންދޭން އެ ވައުދާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހަށް ސިއްރުން ދީފަ އޮތް ސިޓީ އަނބުރާ ގެނައުން، މީ މިކަމުގެ ހައްލަކީ މޮރިޝަސްއަށް ފޮނުވާފައިވާ ސިއްރު ސިޓީ އަނބުރާ ގެނައުން،" ކަމަށްވެސް ބޮނޑެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެ ސަރަހައްދު މިނިވަން ކުރެވޭނެ ގޮތަށް އެ ސަރަހައްދުން ގެއްލިފައިވާ ސަރަހައްދު އަނބުރާ ހޯދުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު