މި އަހަރުގެ ފަހު ހަ މަސް ދުވަހަށް ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނަށް އޯޑަރުކޮށްފައި ނުވާ ކަމަށް އިންތިހާބީ ރައީސް. ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ބުނެފިއެވެ.
މ. ދިމްޔާތުގެ ހަތް ވަނަ ބުރީގައި ގާއިމްކޮށްފައިވާ އިންތިހާބީ ރައީސްގެ އޮފީހުގައި މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި، އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، ސިއްހީ ދާއިރާގައި އަމަލުކުރަމުން އަންނަ ގޮތަކީ ކޮންމެ އަހަރަކު ދެ ފަހަރު ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެއްޗަށް އޯޑަރު ދިނުން ކަމަށެވެ.
"އެހެންނަމަވެސް މި އަހަރުގެ މިހާތަނަށް އައިއިރުވެސް މި އަހަރުގެ ދެވަނަ ހަ މަސް ދުވަހަށް ބޭނުންވާ ސާމާނަށް ޕީއޯ ރެއިސްކޮށްފައެއް ނުވޭ ނުވަތަ އޯޑަރުކޮށްފައެއް ނުވޭ" ފިރުޒިލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ، އެކަމުގެ ސަބަބުން ހޮސްޕިޓަލްތަކުންނާއި ހެލްތު ސެންޓަރުތަކުން ހިދުމަތްތައް ދެމުން އަންނަނީ، އިމަޖެންސީ ސްޓޮކްގެ ތެރެއިން މިހާރު ލިބެން ހުރި، ތަކެތި ބޭނުންކޮށްގެން ކަމަށެވެ.
"އަދި މިހާލަތު މިހެން ދިގުދެމިގެންގޮސްފިކަމުގައިވާ ނަމަ ނޮވެމްބަރު މަހާ ހަމައަށް އަންނައިރު، ނުވަތަ ނޮވެމްބަރު މަހުގެ މެދަކާ ހަމައަށް އަންނައިރު ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި ދެމުން އަންނަ ވަރަށް ގިނަ ހިދުމަތްތައް އެކީ އެކައްޗަކަށް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާކަމެއް." ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ، ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް މި އަހަރުގެ ބާކީ އޮތް މުއްދަތުގައި މުވައްޒަފުންގެ މުސާރަ ފިޔަވައި އެހެން އެއްވެސް ފައިސާއެއް ހަމަޖައްސައިދީފައި ނުވާކަމަށާއި އެކަމުގެ ސަބަބުން ހޮސްޕިޓަލުގެ މަރާމާތާއި އެހެން ބައެއް ވަސީލަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އައިޖީއެމްއެޗުގައި ބައެއް ހާއްސަ ފަރުވާދޭ ސެންޓަރުތައް އެބަހުރި. އެ ސެންޓަރުތަކަކީ ބައެއް ފަހަރު ބޭރުގެ ކުންފުނިތަކާ ގުޅިގެން، ހިންގާ ތަންތަން. އެގޮތުން ހިތުގެ ބަލީގެ ސެންޓަރާއި ނާރުގެ ސެންޓަރު ހިމެނޭ. މި ދެ ސެންޓަރަށް ހިދުމަތްދެމުން އަންނަ ކުންފުންޏަށް އައުޓްސޭންޑިން ބިލްގެ ގޮތުގައި ނުދައްކާ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް ހުރިކަން ފާހަގަކުރަން" ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ، މިހާރު އޮންނަ ގޮތުން މައި ހޮސްޕިޓަލްތައް ހިންގަނީ ވަކި ބޯޑަކުން ކަމަށާއި އެކަން އެގޮތަށް އޮތުމުން ހެލްތު މިނިސްޓްރީއަށް އެ ހޮސްޕިޓަލްތަކުގެ ބާރު ހަނިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައެއް މައުލޫމާތުތައް ހޯދުމަށް ވެސް ދަތިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު