ރައްޔިތުންގެ މަޖިލީހުގެ ރައީސް މުައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި، ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުތަކުގައި ހިމެނޭ މަގާމުތަކަށް ކުރުމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ މަގާމުތަކަށް ކުރިމަތިލުމަށް މިއަދު ހުޅުވާލި އިއުލާނުގައިވާ ގޮތުން، ކުރިމަތިލުމަށް އެދޭ ފޯމު ފުރާފައިފޮނުވާއިރު އެ ކެންޑިޑޭޓަކަށް ތާއީދުކުރާ އަދި އަތޮޅެއް، ސިޓީއެއް، ރަށެއް ނުވަތަ ދާއިރާއަކަށް ނިސްބަތްވާ، މަދުވެގެން 20 ޑިމޮކްރެޓެއްގެ ތާއީދު އޮތް ކަމަށް ހުށަހަޅަންޖެހެއެވެ. އަދި ކެންޑިޑޭޓް ހުށަހަޅާ ފޯމަކީ ސައްހަ ފޯމެއްކަން ކަނޑައެޅޭނީ އެ 20 ޑިމޮކްރެޓުންގެ ތާއީދު ފޯމާއެކު ކެންޑިޑެންސީ ފޯމު ހުށަހެޅުމުން ކަމަށްވެސް ބުނެފައިވެއެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން ސައްހަ ފޯމު ހުށަހަޅާ ތަރުތީބުން ކެންޑިޑޭޓުން ތަރުތީބުކޮށް، ކެންޑިޑޭޓް ނަމްބަރު ދީ، ކެންޑިޑޭޓް ލިސްޓު އާއްމުކުރަމުން ގެންދާނެއެވެ. އަދި ފޯމުގައިވާ މައުލޫމާތު ފުރިހަމަ ނުވެގެން އަލުން ފޯމު ހުށަހަޅާ ނަމަ، އަސްލު ފޯމު ކަމަށް ބެލެވޭނީ އެންމެ ފަހުން ހުށަހަޅާ ފޯމު ކަމަށްވެސް ބުނެފައިވެއެވެ.

ކެންޑިޑޭޓް ފޯމު ބަލައިގަތުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑު 10:00 އެވެ.

ޑިމޮކްރެޓުން ބުނީ، އެ ވަގުތާ ހަމައަށް ޕާޓީ ދަފުތަރުގައި ރަޖިސްޓްރީވާ ހުރިހާ ފަރާތްތަކަށް އިންތިހާބުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށެވެ. އެގޮތުން ކެންޑިޑެސީ ފޯމު ފުރުމުގެ ކުރިން ނުވަތަ ތާއީދު ފޯމު ފުރުމުގެ ކުރިން ޕާޓީ މެމްބަރެއް ގޮތުގައި ރަޖިސްޓްރީވުމަށް އޮންލައިން ފޯމު މެދުވެރިކޮށް ހުށަހަޅަންވާނެ ކަމަށާއި އެގޮތަށް ހުށަހަޅާ ފޯމުތައް ބަލައިގަނެ ވެރިފައިކުރުމަށްފަހު މެމްބަޝިޕް ދަފުތަރު ހާމަކުރަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޕާޓީގެ އެތެރޭގެ މަގާމުތަކުގެ އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. އެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފޯމާއި 20 މެންބަރުންގެ ތާއީދު އޮތް ކަމަށް ހުށަހަޅާ ފޯމު ދަ ޑިމޮކްރެޓްސްގެ ވެބްސައިޓުން ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

  • ރައީސް
  • ނާއިބު ރައީސް (އާއްމު)
  • ނައިބު ރައީސް (އަންހެން)
  • ނައިބު ރައީސް (ޅަޒުވާން)
  • ވިމެންސް ޑިމޮކްރެޓްސް ލީޑަރު
  • ޔަންގް ޑިމޮކްރެޓްސް ލީޑަރު
  • ޕާޓީގެ އަތޮޅު ރައީސް
  • އަތޮޅު ނައިބު ރައީސް
  • އަތޮޅު ވިމެންސް ޑިމޮކްރެޓްސް ލީޑަރު
  • އަތޮޅޫ ޔަންގް ޑިމޮކްރެޓްސް ލީޑަރު
  • ޕާޓީގެ ސިޓީ ރައީސް
  • ޕާޓީގެ ސިޓީގެ ނާއިބު ރައީސް
  • ސިޓީ ވިމެންސް ޑިމޮކްރެޓްސް ލީޑަރު
  • ސިޓީ ޔަންގް ޑިމޮކްރެޓްސް ލީޑަރު
  • ޕާޓީގެ ރަށު ރައީސް
  • ރަށު ނާއިބު ރައީސް
  • ރަށު ވިމެންސް ޑިމޮކްރެޓްސް ލީޑަރު
  • ރަށު ޔަންގް ޑިމޮކްރެޓްސް ލީޑަރު
  • ސިޓީ ދާއިރާގެ ރައީސް
  • ސިޓީ ދާއިރާގެ ނާއިބު ރައީސް
  • ސިޓީ ދާއިރާގެ ވިމެންސް ޑިމޮކްރެޓްސް ލީޑަރު
  • ސިޓީ ދާއިރާ ޔަންގ ޑިމޮކްރެޓްސް ލީޑަރު

މީގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް އާއި ކައުންސިލް ޖެނެރަލް އާއި ރަޖިސްޓްރާ ޖެނެރަލް އާއި ސްކޯކްސްޕާސަން އައްޔަން ކުރާނީ ޕާޓީގެ ރައީސް ޕާޓީގެ ނެޝަނަލް އެސެމްބްލީއަށް ނަމެއް ހުށަހަޅައި ރުހުން ހޯދައިގެންނެވެ. އަދި ޕާޓީގެ މާލީ ޒިންމާދާރު ވެރިޔާ އައްޔަން ކުރާނީ ސެކްރެޓަރީ ޖެނެރަލްއެވެ.