އަންނަ 2026 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް، މާލޭ ސިޓީ ކައުންސިލްގެ ދައުރު ނިމެންދެން، މާލޭ ސިޓީ ތަރައްގީ ކުރުމުގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާ އެކީގައި އެ މަނިކުފާނުގެ ސަރުކާރަށް އެންމެ ގާތުން އެއްބާރުލުން ދެއްވުމަށް ކައުންސިލްގައި ދެމިހުންނަވާނެ ކަމަށް، މާލޭ ސިޓީ ކައުންސިލް ހިންގެވުމާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި، އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމުގައި ހުންނަވައި، ޑރ. މުއިއްޒު މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ސިޓީ ކައުންސިލުން އެ މަނިކުފާނަށް އަލްވަދާއު ވިދާޅުވުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ހަފުލާފައި ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް ދެން އިންތިިހާބުކުރާ މޭޔަރަކާއެކު، މާލޭ ސިޓީ ތަރައްގީ ކުރުމަށް ރައީސް މުއިއްޒުއަށް އެންމެ ކައިރިން އެއްބާރުލުން ދޭނެ މީހަކީ އޭނާ ކަމަށެވެ.

ނަރީޝް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި، މާލޭ ސިޓީން ދެއްކި ނަތީޖާގެ މާނައަކީ، ރައީސް މުއިއްޒުގެ މޭޔަރުކަމުގެ ޒައާމަތުގައި މާލޭ ސިޓީ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދުމަށާއި، މޭޔަރުކަމުގެ އިންތިހާބުގައި ރައްޔިތުންނަށް ވިއްކި ކަންތައްތަކަކީ ހާސިލްކޮށްދެވުނު ކަންތައްތައް ކަމަށް މާލޭ ރައްޔިތުން ގަބޫލު ކުރުން ކަމަށެވެ.

އެބޭފުޅުން މާލޭ ސިޓީ ކައުންސިލާ ހަވާލުވީ، ފާސްކުރެވުނު އިޝްތިރާޖީ އެކްޝަން ޕްލޭނަކާއެކުގައި ކަމަށާއި، ޕްލޭނުގެ ނުވަދިހައިން ސައްތަ ހާސިލުކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ. ހާސިލު ނުކުރެވި ހުރި ކަންތައްތަކަކީ، އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ހުރިހާކަމެއް ފުރިހަމަކޮށްފައި ނުވުމާއި، ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ނުދިނުމާއި، މާލޭގެ ލޭންޑްޔޫސްޕްލޭން ފާސް ނުވުމުން ފުރިހަމަ ނުކުރެވި ހުރި ކަންތައްތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މާލޭސިޓީ ކައުންސިލް ހިންގުމުގައި މިދިޔަ ދެއަހަރެއްހާ ދުވަހު ކުރިމަތިވި ދަތި އުނދަގޫ ތަކަކީ، ރައީސް މުއިއްޒުގެ ވެރިކަމުގައި އެއްކޮށް ނެތިގޮސްފައިވާ އުނދަގޫތަކެއް ކަމަށް ހައްދަވައި ދެއްވުމަށްވެސް އެދިޑައިގެންނެވިއެވެ.