ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލިޔަސް، ދެގައުމުގެ ގުޅުން ހީނަރުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައި ވަނީ އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައެވެ. މިއީ އެމަނިކުފާނު ބޭރުގެ މީޑިއާއަކަށްދެއްވި ފުރަތަމަ އިންޓަވިއުއެވެ.

އެ އިންޓަވިއުގައި މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ އެންމެ އިސްކަންދީގެން ކުރައްވާނެ އެއް މަސައްކަތް ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ސަރުކާރާ ހަވާލުވާ ފުރަތަމަ ހަފުތާގައި އެމަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިންޑިއާގެ ހައި ކޮމިޝަނަރާ އެކު ބޭއްވި ފުރަތަމަ ބައްދަލުކުރެއްވުމުގައިވެސް އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެކަމަށް އިންޑިއާ އެމްބަސީގެ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިންޑިއާއިން ރައްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށާއި އިންޑިއާއިން ރާއްޖެއަށް ގިނަ ލޯނުތައް ދީފައިވާކަން ފާހަގަކޮށް، އިންޑިއާ ސިފައިން ފޮނުވާލުމުން އިންޑިއާގެ އިންވެސްޓްމެންޓުތަކަށް ބުރޫއަރާފާނެތޯ އަލް ޖަޒީރާގެ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އިންވެސްޓްމެންޓުތަކަށް ބުރޫ އަރަފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އޭގެ ބަދަލުގައި އިތުރު ދާއިރާތަކުން އިންވެސްޓްމެންޓުތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ޓޫރިޒަމް ފަދަ ދާއިރާތަކަށް އިންޑިއާއިން އިންވެސްޓު ކުރުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ. އަދި ތަރައްގީގެ މަޝްރޫއުތަކުގައި އިންޑިއާގެ އެހީއާމެދު އަބަދުވެސް ދެކެނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށް ވިދާޅުވިއެވެ.

"އަހަރެމެންނާ (ރާއްޖެ) އާއި އިންޑިއާ އާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ. އެކަމަށް ބަދަލެއް އަންނާކަށް ބޭނުމެއް ނޫން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއް ބަޔަކީ އިންޑިއާގެ ލޯނު ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދީ ދަރަނި، އެއް ގައުމަކަށް މިހާ ބޮޑަށް އަޑިއަޅާލާފައި އޮތުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ނޫން ކަމަށާއި އެހެން ކަމުން، ދަރަނި އަރާކުރެވޭނެ ގޮތްތަކެއް ހޯދުމަށް އިންޑިއާގެ ހައި ކޮމިޝަނަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރަައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން، ލޯނުގެ މުއްދަތު އިތުރު ކުރުމާއި ބައެއް ލޯނުތައް މާފު ކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ.