ދިރާގަށް 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކުންފުނިން ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ.

ދިރާގުގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި އެ ހަފުލާގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދާއި ދިރާގުގެ ބޯޑް އޮފް ޑިރެކްޓާސްގެ ޗެއާމަން އިސްމާއީލް ވަހީދާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދުގެ އިތުރުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި ލީޑާޝިޕް ޓީމުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވިލާ ނޯޓިކާ ޕެރެޑައިސް އައިލެންޑްގައި ބޭއްވި އެ ރަސްމިއްޔާތުގައި 1988ވަނަ އަހަރު ދިރާގު އުފެދުނީއްސުރެ އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ 22 މުވައްޒަފެއްގެ އަގުވަޒަންކޮށް ހާއްސަ އެވޯޑެއް ދީފައިވެއެވެ.

އެ ހަފުލާގައި ދިރާގުގެ 35ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ފޮޓޯ ފޮތް 'ލީޑިން ދަ ޑިޖިޓަލް ޓްރާންސްފޯމޭޝަން ޖާނީ އޮފް ދަ މޯލްޑިވްސް' ޑިޖިޓަލްކޮށް އިފުތިތާހު ކޮށްފައިވެއެވެ. އެ ފޮތް އިފުތިތާހު ކޮށްދެއްވީ ދިރާގުގެ ޗެއާޕާސަން އިސްމާއީލް ވަހީދު އަދި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ.

ރާއްޖޭގެ ގައުމީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކޮށް، ފާއިތުވި 35 އަހަރު ދުވަހުގެ ތެރޭގައި ދިރާގުން ހޯދާފައިވާ މުހިންމު ކާމިޔާބީތައް ފެންނަ މި ފޮތް މިހާރު ދިރާގު ވެބްސައިޓުން ޑިޖިޓަލްކޮށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ކުލަގަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކަކާއެކު ދިރާގުން ވަނީ އަގުހުރި އިނާމުތަކާއެކު މުވައްޒަފުންގެ މެދުގައި ހާއްސަ ލަކީޑްރޯއެއްވެސް ބާއްވައިފައެވެ.