ޕެންޝަން ސްކީމުގައި ބައިވެރިވެފައިވާ ބިދޭސީން ރާއްޖޭން ފުރައިގެން ދާން ނިންމާ ހިސާބުން ޕެންޝަން ފައިސާ ހޯދަން ހުށަހެޅޭ ގޮތަށް ޕެންޝަނާބެހޭ ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

ޕެންޝަން ސްކީމްގައި ބިދޭސީ މުވައްޒަފުން ބައިވެރިވުމާއި ސްކީމްގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާ ބެހޭ ގަވާއިދުގައި މިހާތަނަށް އޮތީ، އެމީހާ ރާއްޖޭން ފުރައިގެން ދިއުމުގެ ތިން މަސް ކުރިން ޕެންޝަން ފައިސާ ހޯދަން ހުށަހަޅަން ޖެހޭގޮތަށެވެ.

"މިހާރުވެސް ގަވާއިދުގައި އޮންނާނެ އެ ފައިސާ ނެގޭގޮތަށް، އެއީ ތިންމަސް ކުރިން އެކަމަށް އެދި ހުށަހެޅޭގޮތަށް، ނަމަވެސް މިހާރު މި ގެނައި އިސްލާހަކީ، އެމީހާ ފުރައިގެން ދިއުމުގެ ތިންމަސް ކުރިން އެފައިސާ ނަގަން އެޕްލައިކުރަން ޖެހޭގޮތަށް، އެހެންވީމަ އެމީހާ ފުރަން ނިންމާ ހިސާބުން ފޯމު ލެވޭނެ،" ޕެންޝަން އޮފީހުން ވަން އޮންލައިން އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވިއެވެ.

ޕެންޝަން ފައިސާ ނަގާފައިވީ ނަމަވެސް އެފަދަ ބިދޭސީ މުވައްޒިފުންނަށް ދެ ވަނަ ފަހަރަށް ވެސް ޕެންޝަން ސްކީމްގައި ބައިވެރިވެވޭނެ ކަމަށް ވެސް ގަވައިދުގައި ހިމަނާފައިވެއެވެ. ނަމަވެސް ދެވަނަ ފަހަރަށް ސްކީމްގައި ބައިވެރި ވެއްޖެނަމަ، ރިޓަޔަމަންޓް ސޭވިންސް އެކައުންޓުން ދެ ވަނަ ފަހަރަށް ފައިސާ ދޫކުރާނީ އެމީހަކަށް 65 އަހަރު ފުރުމުންނެވެ.

ގަވާއިދުގައިވާ ގޮތުން ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކުރާނީ ދިވެހި ރުފިޔާއިންނެވެ. އެ ފައިސާ ޖަމާކުރާނީ ރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ނުވަތަ އެ ބިދޭސީ މުވައްޒަފަކު ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި ހުޅުވާފައިވާ ދިވެހި ރުފިޔާގެ އެކައުންޓަކަށެވެ.

ގަވާއިދަށް ގެނައި އިސްލާހުގައި ބިދޭސީ މުވައްޒަފަކު މަރުވެއްޖެ ނަމަ އެ މީހެއްގެ ޕެންޝަން އެކައުންޓުގައި ހުރި ފައިސާ ހޯދަން އޭނާގެ ވާރިސުންނަށް ހުށަހެޅޭނެ ކަމަށްވެސް ވަނީ ހިމަނައިފައެވެ. ނަމަވެސް އެކަމަށް ހުށަހަޅާ އިރު ވާރިސުންނަކީ ކޮން ބައެއްކަމާއި އެ މީހުންނަށް ޕެންޝަން ފައިސާ ހައްގުވާ ކަމަށް ބަޔާންކޮށް އެ ގައުމެއްގެ ކޯޓަކުން ކޮށްފައިވާ ހުކުމެއް ނުވަތަ އަމުރެއް ހުށަހަޅަންޖެހެއެވެ.

ބިދޭސީ މުވައްޒަފުން ޕެންޝަންގައި ބައިވެރިކުރަން މަޖުބޫރުވާގޮތަށް، ޕެންޝަނާބެހޭ ގާނޫނުގައި އޮތްގޮތް، ބަދަލުކޮށް އެއީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ކަނޑައަޅައި ގާނޫނަށް އިސްލާހު ގެނަސްފައި ވަނީ 2014 ވަނަ އަހަރުގައެވެ.