ޕާސްޕޯޓު ގެއްލުމުން ދައްކަންޖެހޭ ޖޫރިމަނާ 2000 ރުފިޔާއަށް ކުޑަކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ގެޒްޓްކުރި ދިވެހި ޕާސްޕޯޓަށް ގެނައި އެއް ވަނަ އިސްލާހުގައިވަނީ، ޕާސްޕޯޓު ގެއްލުމުން އަލުން ޕާސްޕޯޓު ހައްދައިދޭން ނަގާ ޖޫރިމަނާ 2،000 ރުފިޔާއަށް ކުޑަކުރި ކަމަށެވެ.

މީގެ ކުރިން ޕާސްޕޯޓު ގެއްލިގެން 5،000 ރުފިޔާ އާއި 20،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެއެވެ. އެއީ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން، ދެވަނަ ފަހަރު 10،000 ރުފިޔާ އަދި ތިން ވަނަ ފަހަރު 20،000 ރުފިޔާއެވެ.

މި އިސްލާހުގައިވާ ގޮތުން ޕާސްޕޯޓު ގެއްލިގެން އަލުން ޕާސްޕޯޓު ހައްދައިދޭނީ ޕާސްޕޯޓު ގެއްލެން މެދުވެރިވި ހާލަތަށް ބަލައި އިހުމާލު އޮތްކަން ނުވަތަ ނެތްކަން އަންގައިދޭ ޕޮލިސް ރިޕޯޓެއް ހުށަހެޅުމުންނެވެ. ޕާސްޕޯޓު ގެއްލުނީ ވެރިފަރާތުގެ އިހުމާލުން ނަމަ، އަލުން ޕާސްޕޯޓު ހެއްދުމަށް 2،000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދެއްގެ ޖޫރިމަނާއެއް ނަގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޕާސްޕޯޓު ގެއްލިގެން ޖޫރިމަނާ ކުރާ ފަރާތްތަކަށް ޖޫރިމަނާ ފައިސާ ނުދެއްކޭ ހާލަތެއްގައި މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލައި ދަތުރުކުރުމުގެ ވަގުތީ ލިޔުމެއް ދޫކުރުމުގެ އިހުތިޔާރު އިމިގްރޭޝަން ކޮންޓްރޯލަރަށް ލިބިގެންވާ ކަމަށާއި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ، ޖޫރިމަނާއެއް ނުނަގާނެ ކަމަށެވެ.

މީގެ އިތުރުން ޕާސްޕޯޓު ހަލާކުވެގެން ނަގާ ޖޫރިމަނާ ވެސް ވަނީ ދަށުން 2،000 ރުފިޔާއަށް ވުރެއިން ބޮޑުނުވާނެހެން އިސްލާހު ގެނެސްފައެވެ.

މި ގަވައިދުވާ ގޮތުން ޕާސްޕޯޓަށް އެދި ހުށައަޅާ އިރު އެންމެ ފަހުން ދޫކޮށްފައިވާ ޕާސްޕޯޓުގެ މުއްދަތު އެއް އަހަރަށް ވުރެއިން އިތުރުވެފައިވާނަމަ، މުއްދަތު ހަމަވާން އޮތް ކޮންމެ އަހަރަކަށް 100 ރުފިޔާ ކެންސަލޭޝަން ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. މުއްދަތު ހަމަވާން އޮތް ދުވަހަށް ވުރެން ކުރު މުއްދަތެއް ނަމަ، ކެންސަލޭޝަން ފީ ދައްކާކަށް ނުޖެހޭނެއެވެ. މުއްދަތު ހަމަވާން ބާކީ އޮތް ދުވަސްތައް ގުނާނީ ޕާސްޕޯޓު ހައްދަން ހުށައަޅާ ދުވަހުން ފެށިގެންނެވެ.

ފާސްޕޯޓު ކެންސަލޭޝަން ފީ ނެގުމަށް އަހަރު ގުނާނީ ބާކީ އޮތީ އަހަރެއް ނުވަތަ އަހަރެއްގެ ބައެއް ނުވަތަ އެންމެ ދުވަހެއް ކަމުގައި ވިޔަސް އަހަރެއްގެ ގޮތުގައެވެ.