ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ބަލައިގަނެ، މެމްބަރުންނަށް އެކަމުގެ ނޯޓިސް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޑައިރެކްޓާ އޮފް މީޑިއާ ހަސަން ޒިޔާއު "ވަން" އަށް މިއަދު ވިދާޅުވީ މަޖިލިސް ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ބަލައިގަނެ، މިއަދު ނަޝީދަށާއި މަޖިލީހުގެ މެމްބަރުންނަށް ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި، އެ މައްސަލަ މަޖިލީހުގެ އަމީން އާއްމު، މަޖިލީހުގެ ރައީސާއި މެމްބަރުންނަށް ފޮނުވަން ޖެހެއެވެ.
މަޖިލިސް ގަވާއިދުގައިވާ ގޮތުގައި ނޯޓިސްގެ މުއްދަތު، 14 ދުވަސް ހަމަވުމުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަންޖެހެއެވެ. އެއީ މި މަހުގެ 29 ވަނަ ދުވަހުއެވެ.
އޭގެ ކުރިން، މަޖިލީހުގެ އާންމު ކޮމިޓީން އެ ގަރާރުގެ ބަހުސްގެ ވަގުތާއި ނަޝީދަށް ވާހަކަ ދެއްކެވުމުގެ ވަގުތު ކަނޑައަޅަން ޖެހޭނެއެވެ. މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރެވޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހުއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީ ޕީޖީ ގްރޫޕުގެ 49 މެމްބަރުންގެ ސޮޔާއެކުއެވެ.
މަޖިލިސް ރައީސްގެ އިތުބާރުނެތް ކަމަށް 54 މެންބަރުންގެ ސޮޔާއެކު އެންމެ ފުރަތަމަ އެމްޑީޕީން މަޖިލީހަށް ވެއްދީ، ޖޫން މަހުގެ ހަތްވަނަ ދުވަހުއެވެ. ނަމަވެސް އެ މައްސަލަ ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އަނބުރާ ގެންގޮސްފައެވެ.
އެއް ފަހަރު އެ މައްސަލަ ހުށަހަޅާފައިވާތީ، ނަޝީދު ވަނީ އެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމާ މެދު ސުވާލު އުފައްދަވައިފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ދެން ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެނީ އަންނަ ދައުރުގައި ކަމަށެވެ. އެއީ މީގެ ކުރިން އެފަދަ މައްސަލައެއް މި ދައުރުގައި ހުށަހަޅައި، އަނބުރާ ގެންގޮސްފައިވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ އަބުރާ ގެންދިޔައީ، އެ މައްސަލަ އަނބުރާ ގެންދިއުމަށް ބައެއް މެންބަރުން އެދެމުން ދިއުމުން ކަމަށާއި އޭރު މަޖިލިސް ޑެޑްލޮކެއްގައި އޮތުމުން މަޖިލިސް ހިނގާނެ ގޮތެއް ހޯދުމަށާއި ގައުމުގެ މުހިއްމު ހައްސާސް މައްސަލަތަކަށް، ވަގުތުން އެޑްކުރަންޖެހޭ މަޖިލީހުގެ ކޮމިޓީތައް ހުރުމުން ކޮމިޓީތައް އެކުލަވާލަން ފުރުސަތު ދިނުމަށް ކަމަށެވެ.
އޭގެ އިތުރުން މަޖިލިސް ރައީސް ނިސްބަތްވެ ވަޑައިގަންނަވާ، ދަ ޑިމޮކްރެޓްސް ޕާޓީއާއެކު ސިޔާސީ މަސައްކަޔްކުރަން ބޭނުންވާ ޖާގަ ހޯދުމަށާއި މަޖިލިސް ރައީސް، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަންތައް ކުރިއަށް ގެންދަވާނެ ކަމަށް ބެލުންވެސް އެއީ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދެވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ކަމެއް އެގޮތަށް ކުރިއަށް ގޮސްފައިނުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެހެންކަމުން މި ފަހަރަކީ އިތުރު ބަދަލު ކުރުމެއްނެތި މަޖިލިސް ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރަން ކުރިހާ މެންބަރުން އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާނެ ފަހަރު ކަމަށްވެސް އަސްލަމް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު