އަފްގާނިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2000 އިން 1000 އަށް ދަށްކޮށްފިއެވެ.

އަފްގާނިސްތާނުގެ ހެރަތް ޕްރޮވިންސަށް އައި 6.3 މެގްނިޓިއުޑްގެ ބިންހެލުމާއެކު ބޮޑެތި ގެއްލުންތައް ލިބި އިމާރާތްތައް ވެއްޓި އެޕްރޮވިންސުން 2053 މީހުން މަރުވެފައިވާ ކަމަށް ތާލިބާނުން ކޮންޓްރޯލް ކުރާ ސަރުކާރުން ވަނީ ބުނެފައެވެ.

ބުދަ ދުވަހު އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުން ވަނީ ފުރަތަމަ މަރުވި މީހުންގެ އަދަދު ގިނަކޮށް މައުލޫމާތު ދެވިފައިވަނީ ބިންހެލުން އައި ސަރަހައްދުތަކުން ލިބުނު އަދަދުތަކުގެ ސަބަބުން ކަމަށް ބުނެފައެވެ. ބިންހެލުން އައުމާއެކު އެސަރަހައްދުތަކުގައި މީހުންނަށް ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރުތަކުގެ ސަބަބުން އެމީހުންނަށް އަސްލު އަދަދު އޮޅިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އަފްގާނިސްތާނުގެ އޮފިޝަލުން ވަނީ ބިންހެލުން އައި ސަރަހައްދުތަކުގެ މީހުން އަދިވެސް ވަނީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް ބުނެފައެވެ.

އަފްގާނިސްތާނަށް އައި ބާރުގަދަ ބިންހެލުމާއެކު ރަށްފުށު ބައެއް ސަރަހައްދުތައް އެއްކޮށް ފުނޑުފުނޑުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.