ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަލުވުމަށް މިއޮތް، އިންތިގާލީ މަރުހަލާގައި ބައެއް ކަންކަން ނުކުރުމަށް ސަރުކާރު ކުންފުނިތަކަށް އެންގި މައްސަލައިގައި، ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރަވަޓައިޒޭޝަން އެންޑް ކޯޕްރަވަޓައިޒޭޝަން ބޯޑު (ޕީސީބީ) ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް މިއަދު ހާޒިރުކޮށްފިއެވެ.
އެކޮމިޓީގެ މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ، ޕީސީބީ ކޮމިޓީއަށް ހާޒިރު ކުރީ، ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ތެރޭގައި ބައެއް ކަންކަން ނުކުރުމަށް، ކުންފުނިތަކަށް އަންގަމުން ގެންދިއުމުގެ ސަބަބުން ކުންފުނިތަކުގެ ހިންގުމަށް ހުރަސްއެޅި، ހީނަރުކަން އަންނަމުން ދިއުމާއި އެކަމުގެ ސަބަބުން ކުންފުނިތަކުގެ މެނޭޖުމެންޓުން ކުންފުނިތަކުގެ މިޑްލް މެނޭޖް މެންޓްގައި ތިއްބަވާ މުވައްޒިފުންނަށް އަންގާ އެންގުންތަކަށް އަމަލުކުރުމަށް ފަސްޖެހެމުން ދިއުމުގެ ސަބަބުން ކުންފުނިތަކުގެ ހިންގުމަށް ހުރަސް އެޅެމުންދާ ކަމުގެ ކަންބޮޑުވުމާއި ޝަކުވާތައް ކޮމިޓީއަށް ލިބިފައިވާތީ ކަމަށެވެ.
މި ބައްދަލުވުމުގައި އެ މައްސަލައިގައި ކުންފުނިތަކަށް އެފަދަ އެންގުމެއް އެންގީ، ގާނޫނުގެ ތެރެއިންތޯ ކޮމިޓީ މުގައްރިރު، ޕީސީބީއާ ވަނީ ސުވާލު ކުރައްވައިފައެވެ.
ޖަވާބު ދެއްވަމުން ޕީސީބީ މިވަގުތު ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި، އެ ބޯޑުގެ ނައިބު ރައީސް މުހައްމަދު ފިރާޒް ވިދާޅުވީ، ޕީޖީބީން ކުންފުނިތަކަށް އެންގުންތައް އަންގަނީ ދެ ގޮތަކަށް ކަމަށެވެ. އެއްގޮތަކީ ޕޮލިސީ ލެވެލްގެ މުހިއްމު ކަންތައްތައް ކުންފުނިތަކުން ނިންމުމަށްފަހު ބޯޑަށް ގެނަސް ބޯޑުން ނިންމުމަށްފަހު، ސާކިއުލާގެ ޒަރީއާއިންނާއި ސިޓީގެ ސަރީއާއިން ކުންފުނިތަކަށް އެކަންތައް އެންގުމެވެ. ދެވަނަ ގޮތަކީ އިދާރީ ގޮތުން އެ އިރަކު އިސްކޮށް ހިންގަން ހުންނަ ފަރާތެއް ސާކިއުލާތައް ނެރެ އާއްމު އުސޫލުގެ ތެރެއިން ކުންނުފިތަކަށް އަންގަންވާ އެންގުންތައް ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން މިހާރު ކުންފުނިތަކަށް އަންގާފައިވާ އެންގުމަކީ، ބޯޑު ހިންގުމުގެ އެންމެ އިސް މީހާގެ ހައިސިއްޔަތުން ސެކްރެޓަރީ ޖެނެރަލް އާއި އެތަނުގެ އިދާރީ މުވައްޒިފުންނާއި މަޝްވަރާ ކުރުމަށްފަހު މީގެ ކުރިންވެސް ޕީސީބީގައި އަމަލު ކުރަމުން އަދި ގޮތަށް ބަލައިގެން އަންގާފައިވާ އެންގުމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ އެންގުމުގައި ސަރުކާރު ހިންގުމަށް އަދި ކުންފުނިތައް ހިންގުމަށް އުނދަގޫވާނެ އެއްވެސްކަމެއް ހިމެނިފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.
"އެ އެންގުމުގައި އަލިއަޅުވާލާފައި ވާނީ ހަތަރު ޕޮއިންޓަކަށް، ފުރަތަމަ ޕޮއިންޓަކީ ކުންފުނިން އާއްމުކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ފިޔަވައި އަދި ކުންފުނީގެ މަގުސަދުގައި ނުހިމެނޭ މުޅިން އަލަށް އެއްވެސް ޕްރޮޖެކްޓެއް ނުވަތަ ކުންފުނިން ބޮޑު ހަރަދެއް ކުރަންޖެހޭ އާ އެއްވެސް ކަމެއް ނުކުރަން، އެހެން ނަމަވެސް ކުންފުނިތަކުން ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނާ ނެގޯޝިއޭޓް ކުރެވިފައިވާ އޭގެ މާނައަކީ، އެއްވެސް މިންވަރަކަށް ނެގޯޝިއޭޓް ކުރެވިފައިވާނަމަ އެފަދަ ޕްރޮޖެކްޓްތައް ހިންގުމަޝާއި އެފަދަ ޕްރޮޖެކްޓްގެ އެކްސްޓެންޝަންތައް ކުރިއަށް ގެންދެވިދާނެ ކަމަށް، އަޅުގަނޑު ދެން ދަންވާފައިވާނީ، އެފަދަ ޕްރޮޖެކްޓްތައް ވާން ޖެހޭނެއޭ ސަރުކާރުގެ ސިޔާސަތުގެ ތެެރެއިން ހިންގޭ ޕްރޮޖެކްޓްތަކަށްކަމަށް،"
އޭގެ އިތުރުން ކުންފުނީގެ އާމްދަނީއަށް އަސަރުކުރާނެ އުސޫލުތަކާއި ނިންމުންތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި ކުންފުނީގެ މުވައްޒިފުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ބަދަލެއް ނުގެއުން، އެއްވެސް ވަރަކަށް ބޮޑުކޮށް އެލަވަންސްތައް އިތުރުނުކުރުމަށާއި މުވައްޒަފުންނާ ބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް ބަދަލު ނުގެނައުމަށް އަންފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ހަތް މެންބަރުންގެ މި ބޯޑަކީ ކޯރަމް ހަމަވާ އަދަދު ކަމަށްވާ ފަސް މެންބަރުންވެސް ހަމަވާ ބޯޑެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ބޯޑުގައި ތިއްބެވީ ހަތަރު މެންބަރުން ކަމަށެވެ. އެހެންކަމުން ގާނޫނީ އަދަދު ހަމަނުވާ ބޯޑަކުން ކުންފުނިތަކަށް އަންގާފައިވާ އެންގުމަކީ ގާނޫނީ އެއްވެސް ބުރަދަނެއް އޮތް ނިންނުމެއް ނޫން ކަމަށް ވެސް ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު