މާލޭގައި ހުރި ބާ އިމާރާތެއްގެ ބައެއް ރޭ ވެއްޓުނީ އެތަނަކީ ދިރިއުޅެން ރައްކާތެރި ނޫން ތަނެއް ކަމަށާއި އެތަން ހުސްކުރަން އެކި ފަހަރު މަތިން ވެރިފަރާތަށް އަންގާފައި ވަނިކޮށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލްގެ ސްޕޯކްޕާސަން މަރިޔަމް ޝިއުނާ "ވަން" އަށް ވިދާޅުވީ މ. ސުންބުލާގޭގެ ބައެއް ރޭ ވެއްޓިފައިވަނީ، އެ އިމާރާތް ހުސްކުރަން އަންގާފައިވަނިކޮށް ކަމަށެވެ.

ޝިއުނާ ވިދާޅުވީ އެ އިމާރާތަކީ ދިރިއުޅެން ރައްކާތެރި ތަނެއް ނޫންކަން އެކި ފަހަރު މަތިން އެ އިމާރާތުގެ ވެރިފަރާތަށް އަންގާފައިވާނެ ކަމަށާއި އެ އިމާރާތާ ގުޅޭ ޝަކުވާ އެކިފަހަރުމަތިން އާންމުންގެ ފަރާތުން އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

މި ޝަކުވާތަކާ ގުޅިގެން އެ ކައުންސިލުން އެ އިމާރާތް ބަލައި އަދި ތަން ހުސްކުރަން ވެރިފަރަތަށް އަންގާފައިވާނެ ކަމަށާއި އަދި އެ އިމާރާތުގެ ވެރިފަރާތުން ސިޓީ ކައުންސިލުގައި އެތަން ތަޅާލުމަށް އެދިފައިވާ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.

ނަމަވެސް އެ އިމާރާތް ތަޅާލުމުގެ ކަންކަން ކުރިއަށް ނުގެންދެވި ހުރީ އެ އިމާރާތުގައި މީހުން ދިރިއުޅޭމުންދާތީ ކަމަށްވެސް ޝިއުނާ ޝިއުނާ ވިދާޅުވިއެވެ.

ސުންބުލާގެއިން ވެއްޓުނީ، އެ އިމާރާތުގެ ފުރަތަމަ ފުލޯގެ ބޭރަށް ވާ ފަޅީގައި ހުރި ކޮންކްރީޓުގަނޑެކެވެ މި ބައި ވެއްޓުނީ އެ އިމާރާތާ ޖެހިގެން އޮންނަ ހަނި ގޯޅިގަނޑުގެ ތެރެއަށެވެ. މިއީ ހަރަތު ބުރިއަށް ހަދާފައިވާ އިމާރާތެކެވެ. އަދި މި ހަދިސާގައި މީހަކަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

މާލޭގައި މިނޫނަސް މީހުންދިރިއުޅެން ރައްކާތެރި ނޫން އިތުރު ދެ އިމާރާތެއް ފާހަގަވެފައިވާ ކަމަށާއި ސިޓީ ކައުންސިލުން އެތަންތަންވެސް ހުސްކުރަން ވެރިފަރާތަށް އަންގާއިފައިވާނެ ކަމަށްވެސް އެ ކައުންސިލުގެ ޝިއުނާ ވިދާޅުވިއެވެ.