މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ކުރިއަށް ހުރި ހުރިހާ އިންތިހާބުތަކެއްގައި ވާދަކުރާނީ ޕީޕީއެމް/ޕީއެންސީއާ ގުޅިގެން ކަމަށް އެމްއެންޕީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އެމްއެންޕީން، ޕީޕީއެމް/ޕީއެންސީއާ އެކު ހެދި ކޯލިޝަން އެއްބަސްވުމުގައި ތިން ޕާޓީން އެކުގައި އިންތިހާބުތަކުގައި ވާދަކުރުމާ ބެހޭ ގޮތުން މާއްދާއެއް ހިމަނާފައިވާނެ ކަމަށެވެ.
"އެއީ ހުރިހާ އިންތިހާބެއްގައި ވެސް ތިން ޕާޓީ އިން ކެނޑިޑޭޓުން ވާދަކުރާނަމަ، ތިން ޕާޓީގެ އާއްމު މެމްބަރުންގެ މެދުގައި (އެ އިންތިހާބީ ދާއިރާއެއްގެ) ޕްރައިމަރީ އެއް ބާއްވައި، ޕްރައިމަރީ ކާމިޔާބު ކުރާ ފަރާތުން އެ އިންތިހާބުގައި ވާދަކުރުން. އަދި ޕްރައިމަރީ ކާމިޔާބު ކުރާ ފަރާތަކަށް ތިން ޕާޓީގެ އާއްމު މެމްބަރުންނާއި ލީޑަޝިޕުން އެއްބާރުލުން ދިނުން،" ނާޒިމް ވިދާޅުވިއެވެ.
ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓަކަށް ތިން ޕާޓީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތައް ކުރިއަރާނީ އިންތިހާބުތަކުގައި ވާދަކޮށްގެން ކަމަށާއި އިންތިހާބަކުން ބަލިވުމަކީ ސިޔާސީ ޕާޓީއެއްގެ ކުރިމަގު ބަނަވާނެ ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ކޯލިޝަން އެއްބަސްވުމުގައި ހިމަނާފައިވާ ކަންކަން ކައުންސިލް މެމްބަރުންނަށް އެނގުމަކީ މުހިންމު ކަމެއް ކަމަށާއި އެ އެއްބަސްވުން ވަރަށް އަވަހަށް އެމްއެންޕީގެ ކައުންސިލް މެމްބަރުންނާ ހިއްސާކުރައްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުއިއްޒަށް ހަތް ޕަސަންޓު ވޯޓު ލިބުނީ އެމްއެންޕީއާއެކު ކޯލިޝަން ހެދުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަށާއި ސަރުކާރު ހިންގުމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު