ކާރެއްގައި ޗައިނާގެ ކޮންސުލޭޓަށް ވަން މީހަކު މަރާލައިފިއެވެ.

އެމެރިކާގެ ސަން ފްރެންސިސްކޯގައި ހުންނަ ޗައިނާގެ ކޮންސުލޭޓަށް ކާކުކަން ނޭނގޭ މީހަކު ކާރެއްގައި ވަނުމާއެކު އެތަނުގައި ހަރަކާތްތެރިވާ ސެކިއުރިޓީ އޮފިސަރުން ވަނީ ބަޑިން ހަމަލާދީ އެމީހާ މަރާލާފައެވެ.

ފުލުހުން ވަނީ ކޮންސުލޭޓުގެ ދޮރު ފަޅާލުމަށްފަހު އެމީހާ ކާރުގައި އެތަނުގެ ލޮބީއާއި ހަމައަށް ވަދެފައިވާކަމަށް ބުނެފައެވެ. ހަމަ އެވަގުތު އެ ކޮންސުލޭޓްގައި ތިބި އާންމުންގެ އެތައް ބަޔަކު އެތަނުން ނިކުމެ ކޮންސުލޭޓު ވަނީ ހުސްކޮށްފައެވެ.

ހާދިސާ ހިނގުމާއެކު ކޮންސުލޭޓުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ އެކޮންުސުލޭޓަށް ވަން މީހާ އަކީ އެތަނުގައި އުޅޭ މުވައްޒަފުންނަށް ބިރު ދެއްކުމަށް ވަން މީހެއް ކަމަށްބުނެ އެތައް ބަޔަކު ނުރައްކަލަށް ކުރިމަތިވެގެން ދިޔަ ކަމަށް ބުނެފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އެ އަމަލަކީ ކޮންސުލޭޓުގައި ތިބި މީހުންނަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ހިންގި އަމަލެއް ކަމަށް ފާހަގަކޮށް އެކަން ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

ފުލުހުން ވަނީ އެކޮންސުލޭޓު ހިމެނޭ ސަރަހައްދު ބަންދުކޮށް ބޮޑު ތަހުގީގެއް ފަށާފައެވެ.