ޑިޕްރެޝަން ނުވަތަ ނަފްސާނީ ބަލުމަޑުކަމަކީ ހަމައެކަނި އުޅޭ މާހައުލުން ދިމާވާ ކަމެއް ނޫނެވެ. މިއީ ދެމަފިރިން ދޭތެރޭ ޖެހޭ މައްސަލަތައް، ސްކޫލު މާހައުލުން ދިމާވާ މައްސަލަތައް، ރައްޓެހި ރަހުމަތްތެރީންގެ ފަރާތުން ދިމާވާ މައްސަލަތައް، އޮފީސް މާހައުލުތަކުން ދިމާވާ މައްސަލަތައް އެކަންޏެއްވެސް ނޫނެވެ.

ބައެއް ހާލަތްތަކުގައި އަލަތު ދަރިފުޅަށް ބަލިވެ އިންނަ ހިސާބުންވެސް ނުވަތަ ލިބުމުންވެސް ބައެއް މަންމަ ޑިޕްރެޝަނާ ކުރިތިމަތިލާން ޖެހެއެވެ. މި ނަފުސާނީ ބައްޔަށް ސައިންޓިފިކަލީ (ޑޮކްޓަރުން) ކިޔަނީ ޕޯސްޕާޓަމް ޑިޕްރެޝަން އެވެ.

މި ބަލީގައި ކުޑަދަރިފުޅަށް ބަލިވެ އިންނަ ހިސާބުންވެސް ބައެއް މަންމައިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވާތަން ފެނެއެވެ. ތުއްތު ދަރިފުޅު ދުނިޔެއަށް ނޭވާލާ ހިސާބުންނާއި ވިހައިގެން ގެއަށް ބަދަލުވުމަށްފަހުވެސް މި ބުނާ ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެއެވެ.

މީގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ތެރޭގައި ތުއްތު ކުއްޖާ އާއި ކައިރިވަން ބޭނުން ނުވުން، ދަރިފުޅުގައިގާ ބީހިލެވޭ ގޮތަކުން (ދަރިފުޅު ކުޑަކަމުން) ތަނެއް ހަލާކު ވެދާނޭ ހީވުން، ނުވަތަ ދަރިފުޅުގެ ގުނަވަނަކަށް ގެއްލުމެއް ލިބިދާނޭ ހީވުމާއި އަމިއްލަ ނަފަސަށް، ދަރިފުޅު ބެލޭނެތޯ ސުވާލު އުފެއްދުމާއި، އަމިއްލަ ނަފުސަށް އަނިޔާ ދިނުމާއި، ތުއްތު ދަރިފުޅު ގިނަ ވަގުތު ނިދާތީ މަރުވީ ކަމަށް ހީކޮށް ހިތުގައި ބިރު އުފެދުމާއި، ގާތުން ނުދެވޭތީ އެއީ ފުރިހަމަ މަންމައެއްގެ ގޮތުގައި ނުވިސްނުމާއި، ހަށިގަނޑަށް އަންނަ ހޮމޯނަލް އިންބެލެންސްގެ ސަބަބުން މޫޑް ބަދަލުވާއި މާ ގިނައިން ކެއުން ނުވަތަ ނުކެވުމާއި. ކުއްލިޔަކަށް ރޮވުން ނުވަތަ ރޯހިތްވުން ފަދަ ކަންކަން ހިމެނެއެވެ.

ހާއްސަކޮށް ތުއްތު ދަރިފުޅާމެދު އަލަތު މަންމައެއްގެ ހިތުގައި މިކަހަލަ ޝައްކާއި ވަހުމު އުފެދޭ ނަމަ ލަސްނުކޮށް ކަމާއި ބެހޭ މާއިރުންގެ ލަފަޔާއި އިރުޝާދު ހޯދުން ވަރަށްވެސް މުހިންމެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި މި ނަފްސާނީ ބަލި ޖެހިއްޖެ ނަމަ ބައެއް މީހުން އެމީހުންގެ ތުއްތު ދަރިފުޅަށް ގެއްލުންވެސް ދެއެވެ.

ގިނައިން މިކަން ތަހައްމަލު ކުރަންޖެހެނީވެސް ބޮޑު އާއިލާއަކާ އެކު އުޅެފައި، ވަކި ދިރިއުޅުމެއް އުޅޭ އަލަތު ދެމަފިރިންނަށް ކަންވެސް ކަމާބެހޭ މާހިރުން ކޮށްފައި ހުރި ބައެއް ދިރާސާތަކުން ދައްކައެވެ. ކަން މިހެން ހުރުމުން އަލަތު ދަރިޔަކު ލިބޭ ދެމަފިރިން ވަކިން އުޅުނު ނަމަވެސް އާއިލާގެ މީހުންނާއި ރައްޓެހިންގެ އިތުރުން ފިރިމީހާގެ އެއްބާރުލުން ކުޑަދަރިފުޅު ބެލުމުގައި ދިނުން ވަރަށް މުހިންމެވެ.

އެހީތެރި ވުމުގެ ގޮތުން ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް މަންމައަށް ހަމަނިދި ލިބެންދެން ކުޑަދަރިފުޅު ބެލުމުގައި އެހީތެރިވެވިދާނެއެވެ. ކުރިން އުޅުން ގޮތަށް، ބޭރަށް ފިރިމީހާއާއި އެކު ބުރެއް ޖަހާލަން ދިއުމާއި ކޮފީ ނުވަތަ މީރު އެއްޗެއް ކާލަންދާން ފުރުސަތު ދޭން ކުއްޖާ ބަލައިދޭނެ ކަމަށް ބުނެ އެފަދަ ކަންކަމަށްވެސް އަމަލު ކުރެވިދާނެއެވެ.

ކުރިން ލައި އުޅުނު ހެދުން ބާރު ވި ނަމަވެސް ގަޔަށް ތީރިކޮށް ހުންނަ ހެދުމެއް ފަހާލައިން ގެނެސްދިނުމާއި ނުވަތަ ފައިސާ ހުރި ނަމަ ބެނުންވާ ހެދުމެއް ގަނެދޭން އިސްނަގައި، އެކަން މަންމައާ ހިއްސާކޮށް ވާހަކަ ދެއްކިދާނެއެވެ. ފައިސާ ނެތްނަމަ ގޭގައި މީރު ކާއެއްޗެއް ކައްކާލައިންގެން ކައިލެވިދާނެއެވެ. ނުވަތަ ގޭތެރޭގެ މާހައުން ބޭރުން، ޓޭކްއަވޭ ކޮފީއަކުން ކުޑަގޮތެއް ހަދާލަން ބީޗް ކަހަލަ ގުދުރަތީ މާހައުލަކުންވެސް މަންޒަރާއި ވަގުތު ބަދަލުކޮށްލެވިދާނެއެވެ.

ނަފްސާނީ ބައްޔަށް ބޭސްފަރުވާދޭ ޑޮކްޓަރުން ބުނަނީ، ނަފްސާނީ ބައްޔެއް ހުރިކަމަށް މަންމަޔަކަށް ޝައްކު ރުރެވޭނަމަ ލަސްނުކޮށް ފަރުވާ ކުރެވިއްޖެ ނަމަ އެއީ ފަސޭހައިން ޝިފާ ލިބޭނެ ބައްޔެއްކަމަށެވެ. މިއީ ސިއްހީ، ޒަމާނީ ތަރައްގީގެ ވަސީލަތްތަކުންވެސް ފަރުވާ ލިބޭނެ ބައްޔެއް ކަމަށެވެ. ނަފްސާނީ ބައްޔެއް ހުރެއޭކިޔާފައި އެކަހެރިކޮށްލުމުގެ ބަދަލުގައި މުހިންމީ މިކަމަށް ހޭލައި ތިބެ އިޖާބަދީ އެކަމުން އެމީހަކު ނެރެން މަސައްކަތް ކުރުމެވެ.

މިކަހަލަ ހާލަތްތަކުގައި އެންމެ ބޮޑު އަޅައިލުމެއް ބޭނުންވާނީ އާއިލާއާއި އަމިއްލަ އެދުމެއް ނެތް ހެޔޮއެދޭ ރައްޓެހީންގެ ފުށުންނެވެ. ފިރިމީހާ ގާތުގައި ހުރެއްޖެ ނަމަ ފިރިމީހާގެ އެހީތެރިކަމާއި އޯގާތެރިކަމަކީ އަލަތު ދަރިޔަކު ލިބޭ މައިންނަށް ވަރަށް ބޮޑު ސަޕޯޓަކަށް ވެގެންދާނެ ކަމެކެވެ.