ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އ.ދ ގެ އެހީއަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

މުއިއްޒު އެގޮތަށް އެދިވަޑައިގެންފައި ވަނީ އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓާ ކެތްރީން ހެސްވެލް، އެމަނިކުފާނުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔަރާތުގައެވެ.

މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި މުއިއްޒު ވަނީ ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އދ. އިން ދެމުންދާ ފަންނީ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކުރިއަށް އޮތް ދައުރުގައިވެސް އެކި ދާއިރާތަކުން ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ހެސްވެލް ވަނީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި އާ ސަރުކާރުގެ 100 ދުވަހުގެ ޕްލޭނަށާއި މެނިފެސްޓޯގެ ވައުދުތައް ފުއްދެވުމަށް ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދެއްވައިފައެވެ.

އޭގެ އިތުރުން މުއިއްޒުގެ މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވުމަށް ހިމަނުއްވާފައިވާ ވައުދުފުޅަށް ހެސްވެލް ވަނީ ތައުރީފުކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި މުއިއްޒުގެ އަރިހުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރާ މުއިއްޒު މިއަދު ބައްދަލުކުރެއްވި އިރު، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސުޕްވެސް މިއަދު ވަނީ މުއިއްޒާ ބައްދަލުކުރައްވައިފައެވެ.