ޔޫއޭއީގެ ސަފީރަކަށް މއ. ރުއްކުރި، މަރްޔަމް މިދުފާ ނައީމް އަދި ރާއްޖޭން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ސ. ހުޅުދޫ އަސަރީގެ، ޝިއުނީން ރަޝީދު ހަމަޖައްސަން ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުއްވި މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ދެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް މިއީ މިދިޔަ އޮގަސްޓް މަހާއި ސެޕްޓެމްބަރު މަޖިލީހަށް ފޮނުއްވި ދެ މައްސަލައެވެ.

މިކަމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވަވައި ދެއްވީ އަމީން އާއްމު ފާތިމަތު ނިއުޝާއެވެ. ނިއުޝާ އެ ދެސީޓީ މަޖިލީހަށް އިއްވުމުން، ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވަނީ އެ ދެ މައްސަލަ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ.

ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީގެ މަގާމުގައި ހުންނެވި މިދުފާ ނައީމް ސަފީރުކަމަށް އައްޔަންކުރަން ފޮނުއްވާފައި ވަނީ، މީގެކުރިން އެ މަގާމުގައި ހުންނެވި ހ. މިސްޓީލޮޖް އައިމިނަތު ޝަބީނާގެ ބަދަލުގައެވެ. އަދި ޝިއުނީން ރަޝީދު ސަފީރުކަމަށް ހަމަޖައްސަން ފޮނުއްވާފައި ވަނީ، މ. ޒީނާ ޝިރްޒިމަތު ސަމީރު ޝިއުނީން ރަޝީދުގެ ބަދަލުގައެވެ.

މި ބޭފުޅުންގެ ނަންތައް މަޖިލިހުގައި އިއުލާންކޮށް ކޮމިޓީއަށް ފޮނުވާފައިވާ އިރު، ދައުލަތުގެ އިތުރު މަގާމުތަކަށް މީހުން އައްޔަން ނުކުރުމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ވަނީ ސަރުކާރަށް އަންގައިފައެވެ.