މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްްސަލަ އަލުން ހުށައެޅި ނަަމަވެސް ދެން އެ މައްސަލަ ބަލައިގަންނަން ދަތިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީން ވަނީ، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފާސްކޮށް، 46 އަށްވުރެ ގިނަ މެމްބަރުން ސޮއި ހަމަކޮށްފައެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "ވަން" އަށް މިރޭ ވިދާޅުވީ، މިރޭގެ ވަގުތެއްގައި ނަޝީދުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިފަހަރު ދުލެއް ނުދޭނަން. އަނބުރާ ނުވެސް ނަގާނަން" އަސްލަމް ވިދާޅުވިއެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭތީ، މަޖިލީސް މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕުގައި ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، އެ މައްސަލަ ހުށަހެޅި ނަމަވެސް އެޖެންޑާ ކުރަން ދަތިފުޅުވާނެ ކަމަށް ވިދާޅުވެފައެވެ.
"އަސްލު ދައުރެއްގައި ބަލައިގަނެވޭނީ އެއް އިތުބާރު ނެތްކަމުގެ އެއް މައްސަލަ. މި ފަހަރު މައްސަލަ ބަލައިގަންނަން ދަތިވާނެ. މި ދައުރުގައި އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާކޮށް އަނބުރާ ނަގައިފި. ދެން މި އަންނަ ދައުރުގައި ކަންނޭނގެ މިކަންވާނީ،" ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ނަޝީދު އެ ވާހަކަފުޅަށް ރައްދުދެއްވަމުން އަސްލަމް ވިދާޅުވީ، އެއް ދައުރެއްގައި ދެ ފަހަރަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކުރިން ވެސް ހުށަހެޅި އެވެ. ނަމަވެސް، ނަޝީދުއާ އެކު މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ ވެސް ހުށަހެޅުމުން، ދެ ބޭފުޅުން އެކުގައި ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހެއްދެވުމުން އެ މައްސަލަތައް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
އެ މައްސަލަ އެމްޑީޕީން އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީއާ ކުރިމަތިވި ނާކާމިޔާބީއަށް ފަހުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު