އިންޑިއާގެ ސިއްކީމްގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 14 އަށް އަރައިފިއެވެ.

އިންޑިއާގެ އިރު އުތުރު ސިއްކީމް ސްޓޭޓަށް މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ކުއްލިޔަކަށް ވެހެން ފެށި ވާރޭ އާއި އެކު އެ ސްޓޭޓްގެ ޓީސްޓާ ކޯރު ފުރި ބަންޑުންވެ އެ ސްޓޭޓްގެ ލަންޗެން ވެލީ އެއްކޮށް ފެންބޮޑުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ހާދިސާގައި މިހާތަނަށް 14 މީހުން މަރުވެފައިވާއިރު 100 އަށްވުރެން ގިނަ މީހުން ގެއްލިގެން ހޯދަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ ސިފައިން، ނެރެފައިވާ ބަޔާނުގައި ވާގޮތުން ސިއްކީމްގައި ފެންބޮޑުވެފައިވަނީ އެކަމަށް ތައްޔާރުވާން ވަގުތު ނުލިބިއެވެ. އެ ގޮތުން 20 ފޫޓަށް ފެންގަނޑު ބޮޑުވިކަމަށް ބަޔާނުގައި ވެއެވެ.

ގެއްލުނު ސިފައިންނާއި އާންމުން ހޯދުމުގެ މަސައްކަތް ވެސް ހުއްޓައިނުލައި ކުރަމުން އަންނަ އިރު މިހާތަނަށް 400 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް އެބަޔާނުގައި ވެއެވެ.

ހާދިސާއަށްފަހު އެ ސްޓޭޓްގެ ބޯފެނާއި ނަރުދަމާ ނިޒާމު އެއްކޮށް ހަލާކުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. ހާލުގައި ޖެހުނު މީހުންނަށް އަވަސް އެހީ ފޯރުކޮށްދިނުމަށް އިންޑިއާގެ ސަރުކާރުން ވަނީ ހާއްސަ މަސައްކަތްތައްކެއް ފައްޓާފައެވެ.