ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެއްވުމަށް ޖަޕާނު ސަރުކާރުގެ އެހީތެރިކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވައިގެންފިއެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު މިފަދައިން އެދިވަޑައިގެންނެވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޓައިއޮޗި މިޑޯރީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެ ބައްދަލުކުރެއްވުމުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ، އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ޖަޕާނާއެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަދި ޖަޕާނުން ރާއްޖެއަށް ވެދޭ އެހީތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުންނާއި ސަރުކާރާ މެދު، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ހާއްސަ އިހުތިރާމަކާއި ގަދަރެއް ދެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އާ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުރިހަމަކުރުމުގައި، ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ޖަޕާނު ސަފީރު ވަނީ، ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ގައުމުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީން ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު