ރިޔާސީ އިންތިހާބުގައި ވައުދުވެ ވަޑައިގެންނެވި ގޮތަށް 65،000 މާލޭ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭ ބިޔަ ބިން މަޝްރޫއުއެއް މާލޭ ސަރަހައްދުގައި ފެއްޓެވި ނަމަވެސް، މި ސަރުކާރުން އަޅާފައިވާ ތިލަމާލެ ބްރިޖު ގުޅުވާލެވޭވަރު ވާނީ މާލޭން ގޮސް ގިރާވަރާ ހަމައަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ، "ވަން މީޑިއާ" އަށް މިއަދު ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.

ގޯއްޗާއި ފްލެޓު ހިމެނޭގޮތަށް، މާލެ ހިމެނޭ ސަރަހައްދަށް އެކަނި 65,000 ގެދޮރު ތަރައްގީ ކުރުމުގެ މަޝްރޫއެއް ވެރިކަމާ ހަވާލުވެވަޑައިގެން، މި ފެށޭ އަހަރު ތެރޭގައި ފައްޓަވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެއީ ގުޅިފަޅާއި, ގިރާވަރު ފަޅާއި, ފުށިދިއްގަރު ފަޅާއި, މާލެ ރީޑެވެލޮޕް ކުރީމާ ހުސްވާ ބިންތަކާއި ހުޅުމާލޭ އާއި ވިލިމާލޭގެ ހުރިހާ ތަނަކުން ލިބޭ ބިންތައް އެއްކޮށްލައިގެން ކުރިއަށްގެންދާނެ މަޝްރޫއެއް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މުއިއްޒު މިއަދު ވިދާޅުވީ، އެތަންތަން ބުރިޖުން ގުޅުވާލެވޭނީ، ގިރާވަރުފަޅާ ހަމައަށް ކަމަށެވެ.

"މާލޭން ގޮސް ގިރާވަރު ފަޅާ ހަމައަށް، ގިރާވަރަށް ބްރިޖުގެ ކަނެކްޝަން އަންނާނެ، ފުށި ދިއްގަރު ފަޅަކަށް ބްރިޖެއް ނޭޅޭނެ، އެއީ މާ ފުން ބޮޑު ކަނޑެއް، އެތާވެސް އެޅީމަ އެޅިދާނެ، ނަމަވެސް އެއީ މާ ކޮސްޓް އިފެކްޓިވް ކަމެއްނޫން، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެކަން ކުރާކަށް، އަޅުގަނޑު ނޫޅޭނަން،"

މުއިއްޒު ވިދާޅުވީ، ފުށިދިއްގަރާ ހަމައަށް ބްރިޖު ނޭޅި ނަމަވެސް، ފެންވަރު ރަނގަޅު ހަ ސްޕީޑް ލޯންޗްގެ ފެރީ ނިޒާމަކާއި އެއާ ޓްރާންސްޕޯޓް ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށެވެ.

"ވަރަށް އެފިޝެންޓް ވަރަށް ބާރު ސްޕީޑްގަ ދުވާ ފަސޭހަ އެކްސްޕްރެސް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމް ކުރާނަން، އެއީ ބްރިޖެއް ނޫން ލޯންޗް، އެހެންނަމަވެސް ތަންކޮޅެއް ތެޅުންތަކާ އެއްޗެހި ކުޑަ ނިޒާމެއް، އެކަހަލަ ހައިސްޕީޑް ލޯންޗް ފެރީ ނިޒާމެއް، ކަންނޭގެ ބޭނުންވާނީ، ދެން ސީޕްލޭން، އެއާޓްރާންސްޕޯޓްވެސް ގާއިމް ކުރެވިދާނެ،"

މުއިއްޒު ވިދާޅުވެފައިވަނީ ގިރާވަރު ފަޅުން 89 ހެކްޓަރު ހިއްކައި 1,050 ގޯއްޗާއި 2,800 ހައުސިން ޔުނިޓު މާލޭ ރައްޔިތުންނަށް ދޭނެ ކަމަށެވެ. އެއީ 1,400 އަކަފޫޓާއި 1,650 އަކަ ފޫޓުގެ ދެމެދުގެ ތަންތަން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވެފައިވަނީ އޭނާގެ ވެރިކަމެއްގައި ގުޅިފަޅު ހިއްކައިނިމޭއިރު އެތަން ހުޅުމާލެ ފޭސް ދެއަކަށްވުރެ ބޮޑުވާނެ ކަމަށެވެ. އެތަނުން 3،500 ގޯތި އަދި 8،700 ހައުސިން ޔުނިޓު ދެވެން ހުންނާނެ ކަމަށެވެ.