ކެބިނެޓު އެކުލަވައިލާއިރު، މިނިސްޓްރީ ތަކުގެ އަދަދު މަދުކުރަން ވިސްނަވާނެ ކަމަށާއި އެހެން ނަމަވެސް ބޮޑަށް ބައްލަވާނީ މެނިފެސްޓޯގައި ހުރި ކަންކަމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް ގެންދެވޭނެ ގޮތަކަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ، "ވަން މީޑިއާ" އަށް މިއަދު ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.

އިންތިހާބީ ރައީސް ވިދާޅުވީ، މިހާރު ފެންނަނީ ފެށިފައި ހުރި ގިނަ މަސައްކަތްތަކެއް ނުނިމިހުރިތަން ކަމަށާއި، އެކަންކަން ނިމި ހިދުމަތްތައް ދެވެމުން އަންނަ ނަމަ، މިނިސްޓްރީތައް ގިނަވެގެން ރައްޔިތުން ޝަކުވާ ނުކުރާނެ ކަމަށެވެ.

"އަޅުގަނޑު މިފަހަރު ކެމްޕޭނަށް ރަށްރަށަށް ދިޔައިރު މި ފެނުނީ އެއްވެސް ކަމެއް ނުވެއޭ މިއޮތީ، ފެންނާކަށް ނެތޭ ކަމެއް، ފެށިފަހުރިކަމެއް ވިއްޔާ ހުއްޓިފައޭ، އެހެންވީމަ މިނިސްޓަރީތައްވެސް ގިނަވެއްޖެ. ގިނަ ވާނެ. އެއީ އެ މިނިސްޓްރީތަކުން ކުރި ކަމެއް ފެންނަން ނެތީމަ. މިހާރު މިއޮތް 18 މިނިސްޓްރީވެސް ބަރާބަރަށް ހިނގި ނަމަ ފަހަރުގަ ނަތީޖާވެސް ތަފާތުވެދާނެ. ތިމަންނަމެން ރަށުގަ ހުރިހާކަމެއް ނިމިފައޭ ހުރީ. ތިބޭފުޅުންނަށް ވޯޓުދޭން ޖެހޭ ސަބަބެއް ނެތޭ ރައްޔިތުން ވިދާޅުވާނީ. " ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މިނިސްޓްރީ ތަކުގެ އަދަދު ކަނޑައެޅުއްވުމުގައި ބައްލަވާނީ ރައްޔިތުން ކުރެއްވި އިތުބާރާއި ރައްޔިތުންނާ ހަމަޔަށް ގެންދެވި މެނިފެސްޓޯގައި ހުރި ކަންކަން ފުރިހަމަކުރެވޭނެ ގޮތަކަށް ކަމަށާއި 18 އަކީ ވެސް ގޯސް އަދަދެއް ނޫން ކަމަށެވެ.

"އަށާރައަކީ ވެސް ރަނގަޅު އަދަދަކަށް ވެދާނެ. އެއަށްވުރެ މަދުވެސް ވެދާނެ. ތަންކޮޅެއް ގިނަވެސް ވެދާނެ. އަޅުގަނޑު ބޮޑަށް ބަލާނީ އެއަށްވުރެވެސް މަދުކުރަން. އަމާޒަކީ އަޅުގަނޑުގެ މެނިފެސްޓޯގައި ހުރި ކަންކަމަށް ސަމާލުކަން ދީގެން އަވަހަށް އެކަން ކަން ކުރެވޭނެ ވަރުގެ ސައިޒުގެ ސަރުކާރެއް އުފައްދަން." ޑރ. މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް އިތުރަށް ވިދާޅުވީ މީހަކަށް ވަޒިފާއެއް ދޭންށޭ ކިޔާފައި، އެ މަނިކުފާނުގެ ސަރުކާރުން މީހުނަށް މަގާމުތައް ނުދޭނެ ކަމަށާއި ކުރާނެ މަސައްކަތެއް ނެތި އެއްވެސް މީހަކަށް ވަޒީފާއެއް ނުދެއްވާނެ ކަމަށެވެ.