އެ މަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސް، ހަސަން މުހައްމަދު ލަތީފަށް ޒިންމާދާރު ދައުރެއް އޮންނާނެ ކަމަށް އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ، "ވަން މީޑިއާ" އަށް މިއަދު ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.

މަލްޓި ޕާޓީ ވެރިކަމުގެ ނިޒާމު ރާއްޖެއަށް ތައާރަފުކުރި ފަހުން، ނައިބު ރައީސުންގެ ދައުރު އެކި ވެރިކަމުގައި އެކި ގޮތަށް ފެނިފައިވާ ކަމަށާއި، ޑރ. މުއިއްޒުގެ ވެރިކަމުގައި އެކަން އޮންނާނީ ކޮން ގޮތަކަށްތޯ ސުވާލު ދެންނެވުމުން، ނައިބު ރައީސް ހަސަން މުހައްމަދު ލަތީފަށް ތައުރީފު ކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ، އެއީ ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި 10 ވަނަ އަހަރު ފުރިހަމަކުރައްވަމުން ގެންދަވާ ސެމްބެއާ ގުޅޭ ގޮތުން، ޑރ. މުއިއްޒު ވިދާޅުވީ، އެއީ ޑިމޮކްރެޓިކް ޕްރޮސެސް ވަރަށް ރަނގަޅަށް އެނގިވަޑައިގެން ހުންނެވި، އެ ޕްރޮސެސް ތެރޭގައި މިހާރުވެސް އުޅުއްވަމުން ގެންދަވާ ތަޖުރިބާކާރު، ތައުލީމީ ބޭފުޅެއް ކަމަށެވެ.

"ރަނިންމޭޓަކަށް ސެމްބެ އިހުތިޔާރުކުރީވެސް އަޅުގަނޑު. ސެމްބެއަކީ މާސްޓާސް ފުރިހަމަކުރައްވައިގެން ހުންނެވި، ޑިމޮކްރެސީގައި އަޅުގަނޑުމެން ކުރަމުން މި އަންނަ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެއް. މި އިންތިހާބު ކާމިޔާބު ކުރުމަށްވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި. އަޅުގަނޑުގެ ވެރިކަމުގައި ނައިބު ރައިސްގެ ދައުރު ވަރަށް ބޮޑު ވާނެ." ޑރ. މުއިއްޒު ވިދާޅުވި އެވެ.

ކުރީން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސެމްބެ ވެސް ވަނީ، ރިޔާސީ އިންތިހާބުގެ ކުރީން ޕީއެންސީއާ ގުޅިވަޑައިގެންފައި ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.