އާ ސަރުކާރާ މެދު އުންމީދީ ކުލަވަރު އަދި ނުފެންނަ ކަމަށާއި ހައްގުތައް ނިގުޅައިގަނެގެންދާ ތަން ބަލަން ނުތިބޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިމާދުއްދީން ސްކޫލުގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ޕީޕީއެމް-ޕީއެންސީއަކީ ރައްޔިތުންގެ ހައްގަށާއި މިނިވަންކަމަށް އެހާ އަހައްމިއްޔަތުކަމެއް ދޭ ބައެއްގެ ގޮތުގައެއް ކުރިން ފެނިފައިނުވާ ކަމަށާއި ވޭތުވެދިޔަ ތަނުގައި ފެނިފައި އޮތީ އަނިޔާވެރިކަމާއި ގޮށްމުށުގެ ބާރުން ކަންކަން ކުރަމުންދާ ތަން ކަމަށެވެ. ނަމަވެސް އެބޭފުޅުންނަށް ވެސް އެ ބަދަލުތައް މިއަދު އައިސްފައި އޮންނާނެ ކަމަށް އުންމީދުރައްވާ ކަމަށް ވިދާޅުވިއެވެ.
"އެބޭފުޅުން ވެސް ވެރިކަން ކުރާނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ތަރަހައިގެ ތެރޭގައި އާންމު އުސޫލުގެ ތެރެއިން ރައްޔިތުންގެ މަންފާ އާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްގެން ކަމަށް އަޅުގަނޑުމެން އުންމީދުކުރަނީ. އަދި އަޅުގަނޑުމެން ދުއާ ކުރަނީ ވެސް އެގޮތަށް އެ ވެރިކަން ކުރައްވާނެ ކަމަށް. އިންތިހާބުގެ ވޯޓުލާން ފެށުމާ ގުޅިގެން އަޅުގަނޑުމެންނަށް ފެނިގެންދިޔަ މަންޒަރުތަކަކީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަންކަން. އަޅުގަނޑުމެންގެ ޕާޓީގެ ދެ އެމްޕީންނަށް ހަމަލާދިނުމާއި، އަޅުގަނޑުމެންގެ ޖަގަހަތަކަށް ވަނުމާއި، އަދިވެސް އެ ދުވަހު ހިނގާފައި އެބަހުރި މާރާމާރީގެ ކަންތައްތަކެއް. އަދި އެއަށްފަހު މިހާރު މަގުމަތީގައި އަޅުގަނޑުމެންގެ މެންބަރުންނަށް ކުރިމަތިވަމުންދާ ފުރައްސާރަކުރުމާއި މި ހުރިހާ ކަމަކުން އަޅުގަނޑުމެންނަށް އުންމީދީ ކުލަވަރު އަދިއެއް ނުފެނޭ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އަނެއްކާވެސް އެ ހައްގުތައް ރައްކާތެރިކުރުމަށް މެޔާއި ޖިސްމު ކުރިމައްޗަށް ލައިގެން ނުކުންނާނީ އެމްޑީޕީން ކަމަށެވެ. އަދި އާ ސަރުކާރުގެ ކަންތައްތައް ރަނގަޅަށް ގެންދާނެކަމަށް އުންމީދުކުރި ކަމުގައިވީ ނަމަވެސް، ރައްޔިތުން އެތައް އަހަރެއް ތެރޭގައި ހޯދާފައި އޮތް މިނިވަންކަމާއި ހައްގުތައް ނިގުޅައިގަނެގެންދާ ތަން ބަލަން ނުތިބޭނެކަމުގެ ކަށަވަރުކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ވިދާޅުވިއެވެ.
"ސަރުކާރު ރަނގަޅުގޮތުގައި ހިންގައި، މި ގައުމަށާއި ދިވެހި ރައްޔިތުންނަށް ހެވާއި ލާބަޔަށް ކުރާ ކޮންމެ ކަމެއްގައި ބައިވެރިއެއްގެ ގޮތުގައި އަޅުގަނޑުމެން ތިބޭނަން. ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އަނިޔާވެރިވެ، ދިވެހި ރައްޔިތުން ބަލައިގެންފައިވާ ގާނޫނު އަސާސީއާ ހިލާފަށް ކަންކުރާ ކަމަށްވެއްޖެއްޔާ އެންމެ ކުރީ ސަފުގައި އެކަމާ އިހުތިޖާޖުކޮށް އިދިކޮޅު ހެދުމަށް އަޅުގަނޑުމެންގެ މި ޕާޓީ އޮންނާނެ. އެކަމާ އެއްވެސް ރައްޔިތަކު ކުޑަކޮށް ވެސް ޝައްކެއް ކުރައްވާނެ ކަމެއް ނެތް. ކުޑަކޮށް ވެސް ޖެހުލުންވެވަޑައިގަންނަވާނެ ކަމެއް ނެތް. ކުޑަކޮށް ވެސް ދެރަވެވަޑައިގަންނަވާނެ ކަމެއް ނެތް. އަޅުގަނޑުމެންނަކީ ތިޔަބޭފުޅުންގެ ހައްގުތައް އަދިވެސް ރައްކާތެރިކޮށްދޭނެ ޕާޓީކަން ކަށަވަރުކުރައްވާ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ކުރިއަށްއޮތް މުސްތަގުބަލުގެ ކަންކަން ރާވާލައި، ރުކުރުވާލުމަށްޓަކައި އިތުރަށް މަޝްވަރާތަކާއި އެކިއެކި އިވެންޓުތައް ބާއްވަމުންދާނެ ކަމަށާއި މަގުސަދަކަށްވާނީ އަލަށް މި ހޮވުނު ސަރުކާރު ޒިންމާދާރުކުރުވުން ކަމަށެވެ. އަދި އަނބުރާ އަނިޔާވެރިކަމަށް ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު