ސައުދީގެ އަލް-އިއްތިހާދުން އިރާނުގެ ސެޕަހަންއާ ދެކޮޅަށް އޭޝިއަން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅެން އޮތް މެޗު ކެންސަލް ކޮށްފިއެވެ.
އިއްތިހާދުން އިއްޔެގެ އޭއެފްސީ ޗެމްޕިއަންސް ލީގު މެޗަށް އިރާނަށް ގޮސް، މެޗުގެ ކުރިން ޑްރެސިން ރޫމަށް ދިޔަ ނަމަވެސް، މެޗު ކުޅެން ނުކުމެފައި ނުވަނީ ސްޓޭޑިއަމްގައި ބަހައްޓާފައި މޮނިއުމަންޓެއްގެ ސަބަބުންނެވެ. އެ މޮނިއުމެންޓަކީ މަރާލެވިފައިވާ އިރާނުގެ ޖެނެރަލެއް ކަމަށްވާ ގާސިމް ސޮލެއިމާނީގެ މޮނިއުމަންޓެކެވެ. އެ ޖެނެރަލަކީ ސައުދީން އިރާނާ ޖެހުނު މައްސަލަތަކެއްގެ ތެރެއިން ވަރަށް ބޮޑަށް ފާޑު ކިޔުންތަކެއް އަމާޒުވެފައިވާ ޖެނެރަލެކެވެ.
ސޮލެއިމާނީ މަރާލެވިފައި ވަނީ 2020 ވަނަ އަހަރު ޖެނުއަރީ މަހު ބަގުދާދުގައި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައެވެ. ސޮލައިމާނީގެ ގުދުސް ފޯހަކީ ސައުދީ އަރަބިއާއިން 2018 ވަނަ އަހަރު ހަތިޔާރު އެޅި ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފޯހެކެވެ. ސައުދީން ވަނީ ގަލްފް ސަރަހައްދުގައި ހިމެނޭ ސައުދީގެ ތެޔޮ ނަގާ މަރުކަޒުތަކަށް ހަމަލާދިން ހޫތީންނާއި ސައުދީގެ ބައެއް ސިޓީތަކަށް ހަމަލާތިން ހޫތީންގެ ޖަމާއަތްތަކަށް އިރާނުގެ ސޮލެއިމާނީ އެހީތެރިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އެހެން ނަމަވެސް އިރާނުން އެކަން ވަނީ ދޮގު ކޮށްފައެވެ.
އޭއެފްސީ ޗެމްޕިއަންސް ލީގުގައި އިރާނުގެ ސެޕަހަންގެ ނާޝް-އެ ޖަހަން ސްޓޭޑިއަމްގައި މެޗު ފެށުމަށް ތައްޔާރުވެފައި އޮތީ 60،000 ސަޕޯޓަރުންނާއެކު ނަމަވެސް، އިއްތިހާދުން މެޗަށް ނުކުންނަން ދެކޮޅު ހެދިއެވެ. އެ މެޗު ކެންސަލް ކުރަމުން އޭއެފްސީން ބުނީ މެޗު ނުކުޅުނީ ދިމާވި ހާއްސަ ހާލަތެއްގެ ސަބަބުން ކުޅުންތެރިންނާއި، އޮފިޝަލުން އަދި ސަޕޯޓަރުންގެވެސް ސަލާމަތަށްޓަކައި ކަމަށެވެ.
ޖިއޯ ޕޮލިޓިކަލް މައްސަލަތަކުގެ ސަބަބުން 2016 ވަނަ އަހަރުން ފެށިގެން ސައުދީގެ ޓީމުތަކުން އިރާނަށް ގޮސް މެޗުތައް ކުޅުން އޮތީ މަޑު ޖައްސާލައިފައެވެ. އިއްޔެއާ ހަމައަށް އެ ދެގައުމުގެ ކްލަބުތައް މެޗުތައް ކުޅުނީ ނިއުޓްރަލް ދަނޑުތަކުގައެވެ.
އިއްތިހާދަކީ ސައުދީގެ އެންމެ ވަރުގަދަ އެއް ޓީމެވެ. އެޓީމުގެ ކޯޗަކީ ކުރިން ވުލްވްސްއާއި ޓޮޓެންހަމްގެ ކޯޗަކަށްހުރި ޕޯޗުގަލް ނޫނޯ އެސްޕިރީޓޯ ސަންޓޯއެވެ. އެ ޓީމަށް ދާދިފަހުންވެސް ވަނީ އެންގޯލޯ ކަންޓޭއާއި ފަބީނިއޯ ފަދަ ތަރިންވެސް ގެންގޮސްފައެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ