ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި ފިޔަވަޅު އެޅުމާ ބެހޭ އުސޫލަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެ އުސޫލަށް އަމަލުކުރުމަށް އަންގައިފައެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ، އެ އުސޫލު އެކުލަވާލައިފައިވަނީ ޑިރެކްޓަރުން ނަޒާހަތްތެރިކަމާއެކު ޖަވާބުދާރީވަނިވި އަދި ޕްރޮފެޝަނަލް ގޮތެއްގައި މަސައްކަތްކުރުމަށާއި އަމަލުތައް ބެހެއްޓުމަށް ބާރުއެޅުމާއި ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކުރާ ނަމަ އެޅޭނެ ފިޔަވަޅުތައް ބަޔާންކުރުމާއެކު އެކަމުގައި އަމަލުކުރެވޭނެ އިޖްރާއަތްތައް ކަނޑައެޅުމަށް ކަމަށެވެ.

އެ އުސޫލުގެ ދަށުން، ޑިރެކްޓަރަކު ސުލޫކީ މިންގަނޑާ ހިލާފުވާ ނަމަ، ޝަކުވާ ހުށަހެޅުމުގެ ހައްގު އެކަމުގައި މަސްލަހަތު އޮތް ކޮންމެ މީހަކަށް ލިބެއެވެ. ކާކުކަން ނޭނގޭ ގޮތަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ދޭން ޖެހެއެވެ.

އުސޫލުގައިވާ ގޮތުން ޑިރެކްޓަރަކު ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑަށް ގަބޫލު ކުރެވިއްޖެ ނަމަ، ހަތް ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ އިންކުއަރީއެއް ހެދުމާ މެދު ގޮތެއް ނިންމައި ތިން ދުވަހުގެ ތެރޭގައި އިންކުއަރީއެއް ހަދަން ޖެހެއެވެ.

މީގެ އިތުރުން ހުށަހެޅޭ މައްސަލަ ބަލައިނުގަތުމަށް ނިންމިޔަސް ތިން ދުވަހުގެ ތެރޭގައި، އެ ޝަކުވާ ހުށަހެޅި ފަރާތަށް އެކަން އަންގަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެެވެ.