ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ވަކި ބަޔަކަށް ތާއީދު ނުކޮށް ޑިމޮކްރޭޓުން ތިބެއްޖެނަމަ، ނިޒާމީ ވޯޓަށް ތާއީދު ކުރާނެކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އެ މަނިކުފާނު އުފެއްދެވި، ދަ ޑިމޮކްރެޓްސްއިން ވަކިކޮޅަކަށް ތާއީދު ނުކޮށްފިނަމަ ނިޒާމީ ވޯޓު ނެގުމަށް ތާއީދުކުރުމަށް އެމްޑީޕީން އެ ޕާޓީއާއެކު އެއްބަސްވެފައިވާ ކަމަށެވެ. އަދި އެމްޑީޕީން އެދިގެން، އެކަން ކަށަވަރުކޮށްދޭ ސިޓީއެއް ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ފޮނުވި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އެ ސިޓީއަށް އެމްޑީޕީން ޖަވާބު ދީފައި ނުވާކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން، އެމްޑީޕީއަކީ މިވަގުތު ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދުގެ އެ ތުހުމަތުތަކާ ގުޅިގެން އެމްޑީޕީން ބުނެފައި ވަނީ، އެއްވެސް ކަމަކަށް ޑިމޮކްރެޓްސްއާ ދެމެދު އެއްބަސްވެފައި ނުވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޑިމޮކްރެޓްސް އިން ނިންމި ނިންމުމަކީ އެމްޑީޕީއާ ގުޅުން ހުރި ނިންމުމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވައި ފުރަތަމަ ބުރުން ފެއިލްވެވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިގެން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ ވޯޓު ނެގުމަށް މަޖިލީހުން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގައިފައެވެ.
ނަމަވެސް މަޖިލީހުން ފާސްކުރި ގަރާރާ އެއްގޮތަށް އެ ވޯޓު ނެގުމަށް ގިނަ މަސައްކަތްތަތަކެއް ކުރަން ޖެހޭ ކަމަށް ބުނެ، އެކަމަށް އިތުރު ވަގުތު ދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހުގައި ވަނީ އެދިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ، އެ ވޯޓާމެދު އީސީން މަޖިލީހަށް ފޮނުވި ސިޓީއާބެހޭގޮތުން ބަހުސް ކުރުމެވެ.
މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް ނިޒާމީ ވޯޓު ނެގުމަށް ގިނަ މަސައްކަތްތަތަކެއް ކުރަން ޖެހޭކަން ފާހަގަކޮށް، އެކަމަށް އިތުރު ވަގުތު ދިނުމަަށް އިލެކްޝަންސް ކޮމިޝަނުން އެ ސީޓީގައި ވަނީ އެދިފައެވެ.
މަޖިލީހުގެ އަމީން އާއްމުގެ ނާއިބު މިއަދު މަޖިލީހަށް އިއްވެވި ސިޓީގައި، ނިޒާމީ ވޯޓާ ގުޅޭ މަަސައްކަތްތަކަށް ހޭދަވާނެ ވަގުތު ވަޒަންކޮށް، ވޯޓު ނެގޭނެ ކަމަށް ކޮމިޝަނަށް ފެންނަ ތާރީހެއް ފަހުން އަންގާނެ ކަމަށްވެސް ސިޓީގައި ވަނީ ބުނެފައެވެ. އޭގެ އިތުރުން ވޯޓުގައި ރައްޔިތުންނަށް ހުށަހަޅާނެ ސުވާލުގެ އިބާރާތާއި، ވޯޓާ ގުޅޭ މައުލޫމާތު ކަރުދާހެއް ފޮނުވައިދޭން ވެސް ކޮމިޝަނުން އެދިފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު