ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި އިސްލާހު، ގާނޫނުއަސާސީއާ ހިލާފުކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންތިގެ އެ އިސްލާހުގެ ސަބަބުން، ގާނޫނަށް ގެންނަ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުގެ ކުރިން، ރައްޔިތުންނަށް އެކަމާމެދު ރުހުން ދިނުމަށް އޮންނަ ބާރު ގެއްލިގެންދާނެ ކަމަށެވެ.

"ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ މި ބާރުގެ ބޭނުމަކީ އެއިރަކު އިންތިހާބުވެފައި ތިބޭ ބަޔަކަށް ފެންނަ ގޮތަކަށް، ރައްޔިތުންނާ ގުޅުން ހުރި މުހިންމު މާއްދާތަކަށް ރައްޔިތުންގެ ރުހުމާ ނުލައި ބަދަލު ގެނައުމުގެ ފުރުސަތު ނުދިނުމެވެ. ރައްޔިތުންނަށް ދީފައިވާ ބާރު ހަނިވާ ގޮތަށް ގާނޫނުއަސާސީގެ 262 ވަނަ މާއްދާއަށް ގެންނަ އެއްވެސް ބަދަލަކީ ގާނޫނުއަސާސީއާ ހިލާފު ކަމެކެވެ" ޓްރާންސްޕޭރެންސީން ބުންޏެވެ.

އިންތިހާބުކޮށްފައިވާ ފަރާތްތަކުން، ރައްޔިތުންގެ ރުހުމާނުލައި ގާނޫނަށް ބަދަލު ގެނެވޭ ގޮތަށް ހުށަހަޅާފައިވާ އެ އިސްލާހު އަނބުރާ ގެންދިއުމަށް ވެސް ޓްރާންސްޕޭރެންސީން ވަނީ ގޮވާލައިފައެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އިންތިގެ އިސްލާހުގެ ސަބަބުން ރައްޔިތުންނަށް ލިބިދީފައިވާ އެ ބާރު ހަނިވާކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

އަދި "އަސާސީ ހައްގުތަކާއީ މިނިވަންކަން" ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކާއި "ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރިޔާސަތުގެ ދައުރު، ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް" އިސްލާހު ކުރަންވާނީ ރައްޔިތުންގެ ވޯޓެއް ނެގުމަށްފަހު ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.