ރާއްޖޭގެ ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކާމިޔާބީ ފާހަގަކުރުމަށް ޕީޕީއެމް-ޕީއެންސީން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި އިންތިހާބީ ރައީސް، ޑރ. މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ވޯޓާ ދިމާކޮށް ބައެއް މީހުންނަށް ވަޒީފާ ދީފައި އެބަހުރި ކަމަށާއި ނަމަވެސް އެއިން އެއްވެސް މީހަކު ވަޒީފާއިން ވަތްކެއް ނުކުރައްވާނެ ކަމަށެވެ.

އިންތިހާބީ ރައީސް ވިދާޅުވީ، މި ސަރުކާރުން ސަރުކާރުގެ ކުންފުނިތައް ބަނގުރޫޓުކޮށްލާފައިވާ ކަމަށާއި ކުންފުނިތަކުގެ ދަރަނި 32 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

"އަޅުގަނޑު މިހާރު މި ދަނީ މައުލޫމާތު އެއްކުރަމުން، 50 އެއްހާ ކުންފުނި އެބައޮތް ހަދާފައި. އެ ހުރިހާ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތައް މާޖުވެސް ކުރެވިގެންދާނެ. އެހެނަސް ބޮޑެތި ކުންފުނިތައް، ފެނަކަ ކަހަލަ ކުންފުނިތައް ހިނގަމުންދާނެ،" މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ކެބިނެޓުގައި ތިއްބަވާނީ ގާބިލު ބޭފުޅުން ކަމަށާއި ކުންފުނިތަކުގެ ވެރިންނަށްވެސް ލާނީ އެ ކުންފުނިތައް ހިންގޭވަރުގެ ބޭފުޅުން ކަމަށެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، އާ ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަންކުރައްވާނީ އެ މަނިކުފާނުގެ ބަސް ވިކޭ މީހުން ކަމަށެވެ.